Last Updated: May 9, 14:00
Friday, May 9, 2025
މުނިފޫހިފިލުވުން

މޮގާ މިހާ ވަރަށް މި ހޭ ސަބަބަކީ މިއީ!

މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ "ނޮވެމްބާ" އަކީ ސިންގަޕޫރްގައި ފިލްމެއް ހަދަން ކުރި އުންމީދު ހަގީގަތަކަށްވި ފިލްމު ކަމަށާއި އެކަމާ އުފަލުން ހުރި ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފި އެވެ.

މިހާރު ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ ސްޓޫޑިއޯގެ މުގުލުގައި ހުރި މޮގާ، ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފޭސްބުކް ޕޭޖްގައި މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނީ ޕްރޮފެޝަނަލްކޮށް، ފިލްމު ހަދަން ފެށުމުގެ ކުރިން ވެސް ސިންގަޕޫރްގައި ފިލްމެއްގެ މަންޒަރުތަކެއް ނަގަން ބޭނުންވި ކަމަށެވެ.

އަދި އެކަން ކުރަން ބޭނުންވީ ސިންގަޕޫރްގައި ދިރިއުޅެމުން އަންނަ ރާއްޖޭގެ ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހު ވެސް ހިއްސާވާ ގޮތަށް ކަމަށް މޮގާ ބުންޏެވެ. އެގޮތުން ކުރިން ގެންގުނު ހޭންޑީކެމްއަކުން ވަޖީހާއި އޭނަގެ އަންހެނުންނާއި ތިން ފިރިހެން ދަރިން ހިމަނައިެގން "އިހުމާލު" ކިޔާ ކުރު ފިލްމެއް ޝޫޓްކުރި ކަމަށް މޮގާ ބުންޏެވެ.

އެކަމަކު މޮގާގެ އެފްބީ ޕޯސްޓްގައި އެ ފިލްމަށް ވީ ގޮތެއްގެ ވާހަކައެއް ނެތެވެ. އެހެންވެ ހަވާސާގެ ބޭރުން އަހަރެން އެ ފިލްމު ކޮބައިތޯ އެހުމުން މޮގާ ބުނީ "އެ ވާނީ ގެންގުޅުނު ޑީވީއެއްގައި" ކަމަށެވެ. މާނަ އަކީ "އިހުމާލު" ބެލުންތެރިންނަށް ގެނެސްނުދީ "އިހުމާލުވެފައި" އޮތުމެވެ. އެކަމަކު އެ އިހުމާލާ މެދު ޝަކުވާ ކުރާނެ ޖާގައެއް މިހާރަކު ނެތެވެ. "ނޮވެމްބާ" ހަދާފައި އެ އޮތީ ވަޖީހު ލައްވައި، ސޭމް ކިޔާ ފިލްމުގެ މުހިއްމު ރޯލެއް ވެސް ކުޅުވައިގެންނެވެ. އަދި އެވަރަކުން ވެސް ނުފުދެ އެވެ. ފިލްމުގައި އޭނަގެ ދަރިއެއް ކަމަށްވާ ތަރީޝް އިސްމާއީލް ވެސް ރޯލެއް ކުޅެފައިވެ އެވެ.

ޑާކް ރެއިންގެ އެހެން ދެ ފިލްމެއްގައި ވެސް ވަޖީހު ކުރިން މަސައްކަތްކޮށްފައިވެ އެވެ. އެއީ 2019 ގެ "މާމުއި" އާއި 2017 ގެ "މީ ލޯތްބަކީ" ގަ އެވެ.

އިއްޔެ ރޭ "ނޮވެމްބާ" އޮލިމްޕަހުގައި ޕްރީމިއާކުރި އިރު، ވަޖީހުގެ ދެބަފައިން ސިންގަޕޫރުން އައިސް ޕްރީމިއާގައި ވެސް ބައިވެރިވި އެވެ.

"މި ފިލްމު ލިޔުމުގެ ކުރިން ވެސް ވަރަށް ސާފުކޮށް އެނގޭ، މީގައި އިސްމާއީލް ވަޖީހު އުޅެނެ ޖެހޭނެކަން. ސަބަބަކީ އޭނަ އަކީ އަހަރެންގެ އައިޑޮލް އަދި ޑާކް ރެއިންގެ ފެވަރިޓެއް،" މޮގާ ބުންޏެވެ. "އެހެންވީމަ އެނގޭ ސިންގަޕޫރްގައި ފިލްމެއް ޝޫޓްކުރާ ކަމަށް ވަންޏާ އޭގައި އިސްމާއީލް ވަޖީހު އުޅެން ޖެހޭނެކަން."

އަސަރު ގަދަ މި ލޯބީގެ ފިލްމަށް މިހާރު ގިނަ ބައެއްގެ ތަރުހީބެއް ލިބެމިން އަންނަ އިރު، މޮގާ ބުނީ ފިލްމުގެ ވާހަކަ އޭނައާ އަންހެނުން އައިޝަތު ފުއާދު ތައުފީގު (ލޮކީ) ހިއްސާކުރީ 2019 ގައި ކަމަށެވެ. އެއީ ފިލްމުގެ ޝޫޓިން ފަށައި ނިންމި އަހަރު ވެސް މެ އެވެ. ސްކްރިންޕްލޭގައި ލޮކީއާ އެކީ އަހުމަދު ތޮލާލް ވެސް ހިއްސާވި "ނޮވެމްބާ" އަކީ އެންމެ ފުރަތަމަ ޖުލައި 6، 2020 ގައި އަޅުވަން ޕްލޭންކުރި ފިލްމެކެވެ. އކަމަކު އެކި ސަބަބުތަކާ ހެދި ފިލްމު ލަސްވީ އެވެ.

"ނޮވެމްބާ" ޑައިރެކްޓްކުރީ ލޮކީ އާއި އަލީ ޝިފާއު (ޗިއްޕެ) އެވެ.

"[މީގެ] ސްކްރީންޕްލޭ ކިޔާފައި އަޅުގަނޑު ކައިރީ އަލީ ޝިފާއު ބުނީ މޮގާއޭ މި ފަހަރު ލޮކީ މިއޮތީ ޔާޝްރާޖް އިން ތައްޔާރުކުރާ ލެވެލްގެ ފިލްމެއް ލިޔަފައޭ." މޮގާ ބުންޏެވެ.

ޔާޝްރާހް ފިލްމްސް (ވައިއާރްއެފް) އަކީ ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް އެވެ. އެތަނުގެ އެންމެ ރަން ޒަމާނަކީ ސްޓޫޑިއޯގެ ވެރިޔާ ޔާޝް ޗޯޕްޅާ ވަރަށް ރީތި، ލޯބީގެ ފީލްމުތަކެއް ގެނެސްދިން ދުވަސްވަރެވެ. މިހާރު ދުނިޔޭގައި ނެތް ޔާޝް ގެނެސްދިން އެފަދަ ފިލްމުތަކުގެ ތެރޭގައި "ސިލްސިލާ"، "ކަބީ ކަބީ"، "ޗާންދުނީ"، ލަމްހޭ"، "ޑަރް"، "ދިލް ތޯ ޕާގަލް ހޭ"، "ވީރު-ޒާރާ" އަދި "ޖަބް ތަކް ހެ ޖާން" ފާހަގަކޮށްލެވެ އެވެ.

މި ފިލްމުތަކަކީ ހިންދީ ސިނަމާގެ އެންމެ އައިކޮނިކް ލޯބީގެ ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ ފިލްމުތަކެކެވެ. އަދި ޔާޝްގެ ދަރިފުޅު އަދިތިޔާ ޗޯޕްޅާ ގެނެސްދިން ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އަކީ ހިންދީ ސިނެމާގެ އެންމެ ކާމިޔާބު ލޯބީގެ އެއް ފިލްމެވެ.

ކޮންމެއަކަސް ވައިއާރްއެފް ސްޓައިލްގައި "ނޮވެމްބާ" ގެނެސްދިން އިރު ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ މިއީ ޑާކް ރެއިިންގެ އެންމެ އަގު ބޮޑު ފިލްމު ވެސް ކަމެވެ. މިއަށް 1.6 މިލިއަން ރުފިޔާ ހޭދަވި އެވެ. ސިންގަޕޫރްގެ އިތުރުން މާލެ އާއި ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުގައ ވެސް ފިލްމުގެ މަންޒަރުތަކެއް ނެގި އެވެ. އޭގެ ތެރޭގައި އައްޑޫ. ލ. އަތޮޅު އަދި ދ. އަތޮޅު ހިމެނެ އެވެ.

"ނޮވެމްބާ" ގެ ލީޑް ތަރިންނަކީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ.

މޮގާގެ ޕޯސްޓްގައި ތަކުރާރުކޮށް މައުލޫމާތަށްޓަކައި ބައެއް ވާހަކަތައް ހިއްސާކޮށްފައިވާތީ އަހަރެން ވެސް މައުލޫމާތަކަށްޓަކައި ބުނަލަމެވެ. "ނޮވެމްބާ" އަކީ ސިންގަޕޫރްގައި މަންޒަރުތަކެއް ނެގި ފުރަތަމަ ދިވެހި ފިލްމެއް ނޫނެވެ. އެ ފިލްމަކީ ފަރިވާ ފިލްމްސް އިން ޕްރޮޑިއުސްކޮށް، ހާމިދު އަލީ ޑައިރެކްޓްކުރި 1997 ގެ "ދެފިރިން" އެވެެ. އޭގެ ތަރިންނަކީ އައްސަދު ޝަރީފާއި ޖަމްޝީދާ އަހުމަދުގެ އިތުރުން ހަސަން އަފީފު (ޖަމްބު) އެވެ.

"ދެފިރިން" މައިގަނޑުކޮށް ޝޫޓްކުރީ ސިންގަޕޫރާއި ބެންކޮކްގަ އެވެ. މި ފިލްމު ރިލީޒްކުރި ފަހުން މިހާރު 30 އަހަރު ވަނީ އެވެ. އެހެންވެ މި ޒަމާނުގެ ކޮލިޓީގައި ސިންގަޕޫރްގެ މަންޒަރުތައް ބަލާލަން ބޭނުން ނަމަ "ނޮވެމްބާ" އަކީ ދޫކޮށްލާ ވަރުގެ ފިލްމެއް ނޫނެވެ.