ޤުރުއާން ކިޔަވާ ފަދައިން ގައުމީ ސަލާމް ކިޔަން ލާޒިމުކުރުމން ހުއްދައެއް ނުވާނެ ކަމަށް ޝެއިހް އާދަމް ނިޝާން ވިދާޅުވެއްޖެ އެވެ.
އަންނަ މަހުން ފެށިގެން ސްކޫލްތަކުގެ ސެޝަންތައް ފަށާނީ ގައުމީ ސަލާމުން ކަމަށް ސަރުކާރުން އިއްޔެ އިއުލާންކޮށްފައިވާ އެކަމާ ގުޅުވައި ނިޝާން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ގައުމީ ސަލާމަކީ އިންސާނުން އަމިއްލަ އަށް ހަދާފައިވާ އެއްޗެއް ކަމަށެވެ. އެހެންވެ އެފަދަ އެއްޗެއް ޤުރްއާން ކިޔަވާ ފަދައިން ކިޔުން ލާޒިމުކޮށް، ޙުރުމަތްތެރިކޮށް ހިތައި، އެކިޔާ އިރު ޚުޝޫޢަތްތެރިވެ ކޮޅަށްތެދުވެ، އިޙްތިރާމު އަދާކުރުމުގެ ގޮތުން މޭމަތީގައި އަތްއަޅައިގެން ތިބުން ހުއްދަ ނުވާނެ ކަމަށެވެ.
"އެއީ ތައުޙީދުގެ ސާފު ޢަޤީދާއާ ފުށުއަރާ ކަމެއް،" އޭނަ ވިދާޅުވި އެވެ. "ގައުމީ ސަލާމަކީ ﷲ ތަޢާލާގެ ބާއްވާލައްވާފައިވާ އަދި ކީރިތި ނަބިއްޔާ ގެނެސް ދެއްވާފައިވާ، ޙުރުމަތްތެރި މާތް އެއްޗެއް ނޫން."
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަންނަ މަހުން ފެށިގެން ސްކޫލްތަކުގެ ސެޝަންތައް ފަށާނީ ގައުމީ ސަލާމުން ކަމަށެވެ. އަދި ސަރުކާރުގެ އެންމެ މުހިއްމު ވައުދަކީ ގައުމިއްޔަތު އާލާދިރުވުން ކަމަށާއި މީގެ ބޭނުމަކީ ގައުމީ ލަވަ އާއި ގައުމީ ދިދަ އަށް ސްކޫލް ކުދިން ލޯބި ޖެއްސުން ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ކޮންމެ ސްކޫލެއްގައި، ސްކޫލް ފަށާނީ ގައުމީ ސަލާމް ކިޔައިގެން. ގައުމީ ސަލާމް ކިޔާނީ އެސެމްބްލީގައި." ރައީސް ވިދާޅުވި އެވެ.