Last Updated: May 9, 14:09
Friday, May 9, 2025
މުނިފޫހިފިލުވުން

"އެނިމަލް" ގެ ދުވެލި ވަރަށް ބާރު

ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ރަންބީރް ކަޕޫރްގެ ފިލްމު "އެނިމަލް" ބޮކްސް އޮފީހުގައި ރަސްކަންކުރަމުން އެވެ.

އޭނަގެ ވަރަށް މޮޅު އެކްޓިން އަށް ފެނިގެންދާ ފިލްމުގެ ވިޔަފާރި ބޮކްސް އޮފީހުގައި ކުރިން އުންމީދުކުރި ވަރަށް މާ ބާރަށް ކުރިއަށްދާ އިރު، ފިލްމަށް އިއްޔެއާ ހަމައަށް ލިބުނު އާމްދަނީ މިހާރު ވަނީ 480.96 ކްރޯޑް ރުޕީސް (58 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. އެއީ އިންޑި އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީއާ އެކީގަ އެވެ.

"އެނިމަލް" އިންޑިއާގެ ބޮކްސް އޮފީހުގައި ހޯދަމުން އަންނަ ކާމިޔާބީ އަށް ބަލާ އިރު، މި ފިލްމު މިހާރު ވެފައި ވަނީ އިންޑިއާގައި އެންމެ އަވަހަށް 250 ކްރޯޑް ރުޕީސް (30 މިލިއަން ޑޮލަރު) ހަމަކުރި ދެވަނަ ފިލްމަށެވެ. އެއީ ރިލީޒްކުރިތާ ފަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީއާ އެކީގަ އެވެ.

މިހާތަނަށް އެންމެ އަވަހަށް 30 މިލިއަން ޑޮލަރު ހަމަކުރި ފިލްމަކީ ސެޕްޓެމްބަރުގައި ރިލީޒްކޮށް، އެ އަދަދު ހަތަރު ދުވަހުން އެއްކުރި ޝާހްރުކް ޚާންގެ "ޖަވާން" އެވެ.

ފިލްމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން މި މަހުގެ 21 ގައި ޝާހްރުކްގެ "ޑަންކީ" އާއި މި މަހުގެ 22 ގައި ޕްރަބާސްގެ "ސަލާރު" ސިނަމާތަކަށް އައުމާ ހަމައަށް "އެނިމަލް" ބޮކްސް އޮފީހުގައި ރަސްކަންކުރަމުން ދާނެ އެވެ. އަދި މިހާރު އެ ފިލްމުގެ ވިޔަފާރީގެ ދުވެހި ހުރި ސްޕީޑަށް ބަލާ އިރު، ކުރިއަށް އޮތް މި ދުވަސްކޮޅުގެ ތެރޭގައި ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދުމުގެ ފުރުސަތު ވެސް ބޮޑެވެ.

ފިރިހެން ދަރިއަކާއި ބައްޕައަކާ ދެމެދު އޮންނަ ބަދަހި ނޫން ގުޅުމެއްގެ މައްޗަށް ބިނާކޮށް އެކްޝަން ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން "އެނިމަލް" ހަދާފައި ވަނީ 100 ކްރޯޑް (12 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ. ފިލްމު ހިންދީ ބަހުގެ އިތުރުން އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ބަހުރުވަތަކުން ޑަބްކޮށްގެން ރިލީޒްކޮށްފައިވެ އެވެ.

"އެނިމަލް" އަށް ފާޑުކިޔާ މީހުން ބުނާ ގޮތުން މި ފިލްމަކީ ފިރިހެނުންގެ ބާރާއި ނުފޫޒު ހައްދުން ބޭރަށް ގޮސްފައިވާ މިންވަރު އިންތިހާ އަށް ދައްކުވައި ދޭ ވަރަށް ނުރައްކާތެރި މެސެޖެއް ދޭ ފިލްމެކެވެ. އެގޮތުން އަނިޔާވެރިކަމާއި ތަޅާފޮޅުންތަކާއި ޖިންސީ އެދުންވެރިކަން ގަދަކަމުން ހާސިލުކުރުން ފަދަ ކަންކަން ފިލްމުގައި ވަރަށް ބޮޑަށް ދައްކުވައި ދީފައިވާ ކަމަށް ފިލްމު ބެލި ވަރަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

"އެނިމަލް" ގެ ކާސްޓްގައި ރަޝްމިކާ މަންދަނާ، އަނިލް ކަޕޫރް، ޓްރިޕްތީ ދިމްރީ، ބޮބީ ޑިއޯލް، ޝަކްތީ ކަޕޫރް އަދި ސުރޭޝް އޮބެރޯއީ ހިމެނެ އެވެ.

މި ފިލްމު ނިންމައިލަމުން ގެނެސްދޭ ކްރެޑިޓްގައި ފިލްމުގެ ދެވަނަ ބައެއް ގެނެސްދޭކަމުގެ އިޝާރާތެއް ވެސް ދީފައިވެ އެވެ. އެއީ "އެނިމަލް ޕާކް" ގެ ނަމުގަ އެވެ.