Last Updated: July 14, 13:49
Wednesday, July 15, 2026
ކުޅިވަރު

ވިލާ އަތުން ބަލިވެ ސިޓީ 4 އަށް

އެސްޓަންވިލާ އަތުން 1-0 އިން ބަލިވެ ޕްރިމިއާ ލީގުގެ ހަތަރުވަނަ އަށް މެންޗެސްޓާ ސިޓީ ވެއްޓިއްޖެ އެވެ.

ލީގުގެ ހަތަރުވަނައިގައި ސިޓީ އޮތީ ކުޅުނު 15 މެޗުން ލިބުނު 30 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި 32 ޕޮއިންޓާ އެކު އެސްޓަންވިލާ އޮތްއިރު ދެވަނައިގައި 34 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. އެއްވަނައިގައި 36 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ.

މިއީ މޮޅެއް ނުލިބި ސިޓީން ޖެހިޖެހިގެން ނިންމާލަން ޖެހުނު ހަތަރުވަނަ މެޗެވެ. އެ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ވަނީ އެއްވަރުވެފަ އެވެ.

ވިލާ އިން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެޓީމަށް މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިއޯން ބެއިލީ އެވެ. ސިޓީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ބެއިލީ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސްގެ ގައިގައި ޖެހިފަ އެވެ. މި ގޯލަށްފަހު ވިލާ އަށް ވަނީ ލީޑު ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން އެޓީމުގެ ޑިފެންޑަރު ޑަގްލަސް ލުއިޒް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވި އެވެ.

މިއީ 2013 ވަނަ އަހަރަށް ފަހު ލީގުގައި ސިޓީގެ މައްޗަށް އެސްޓަންވިލާ އިން ހޯދި ފުރަތަމަ މޮޅެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ދެވަނައިގައި އޮތް ލިވަޕޫލުން ވަނީ ޝެފީލްޑް ޔުނައިޓެޑް 2-0 އިން ބަލިކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑުން 2-1 އިން ޗެލްސީ ބަލިކޮށް ލީގުގެ ހަވަނަ އަށް އަލުން އަރާފައިވާއިރު ބޯންމަތް އިން ވަނީ 2-0 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފަ އެވެ. އަދި އަމިއްލަ ދަނޑުގައި ބްރައިޓަން އިން 2-1 އިން ބްރެންޓްފޯޑު ބަލިކުރިއިރު ފުލަމް އިން ވަނީ ނޮޓިންހަމް ފޮރެސްޓް 5-0 އިން ބަލިކޮށްފަ އެވެ.