ފަލަސްތީނުގެ ނަސްރަށް އެދި ކިޔަމުން އަންނަ ގުނޫތު ނާޒިލާ ދެން ކިޔާނީ ހަމައެކަނި ބާރަށް ކިޔަވާ ނަމާދުތަކުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ނަމާދުތަކުގައި ގުނޫތު ކިޔަން މިނިސްޓްރީން ފުރަތަމަ އެންގީ އޮކްޓޯބަރު މަހުގެ 11 ގަ އެވެ. އޭރު ވެސް އެންގީ ބާރަށް ކިޔަވާ ނަމާދުތަކުގައި ގުނޫނު ކިޔުމަށެވެ. ނަމަވެސް ފަހުން އެ މަހުގެ 18 ގައި އެންގީ ހުރިހާ ނަމާދުތަކެއްގައި ގުނޫނު ކިޔުމަށެވެ.
އެ ނިންމުން ބަދަލުކޮށް އިސްލާމިކް މިނިސްޓްރީން ބުނީ ދެން ގުނޫނު ކިޔާނީ ހަމައެކަނި ބާރަށް ކިޔަވާ ނަމާދުތަކުގައި ކަމަށެވެ.
ނަމާދުތަކުގައި ގުނޫނު ކިޔަން އެންގީ އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިރުވެރި، ނާމާން ހާލަތަށް ނަސްރު ދެއްވުން އެދި އެވެ. އިޒްރޭލުން މިހާތަނަށް ފަލަސްތީނުގެ 16،000 އެއްހާ މީހުން ޝަހީދުކޮށްފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.