Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"އެނިމަލް" ގެ ސަބަބުން ޓްރިޕްތީ ވިދާލައިފި!

އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ފިލްމު "އެނިމަލް" ގައި ބަތަލާ ޓްރިޕްތީ ދިމްރީ ކުޅުނު ރޯލުގެ ސަބަބުން އޭނަގެ ވިދުން ވަރަށް ބޮޑަށް ގަދަވެއްޖެ އެވެ.

ރަންބީރް ކަޕޫރް ބަތަލުގެ ރޯލު ކުޅުނު ފިލްމުގައި ޓްރިޕްތީ ކުޅުނީ ޒޯޔާ ރިއާޒް ކިޔާ ކެރެކްޓާއެކެވެ. އެއީ ވަރަށް ކުރު ރޯލެއް ނަމަވެސް "އެނިމަލް" ގެ ވާހަކައިގެ މުހިއްމު ކެރެކްޓާއެކެވެ. އަދި ރަންބީރާ އެކީ ޓްރިޕްތީގެ ވަރަށް ގައިގޯޅި މަންޒަތުތަކެއް ވެސް ހިމެނެ އެވެ. "އެނިމަލް" މިހާތަނަށް ބެލި ވަރަށް ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި ރަންބީރާއި ޓްރިޕްތީ އެކީގައި ފެންނަ މަންޒަރުތަކަކީ ފިލްމެ ހާއްސަ ހައިލައިޓްތަކެވެ.

މީޑިއާތަކުން ބުނީ ޓްރިޮޕްރީގެ އެ ރޯލާ ގުޅިގެން މިހާރު ވަރަށް ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ލޯ އޭނަ އަށް އަމާޒުވެފައިވާ ކަމަށެވެ. އެހެންވެ ޒުވާން ބަތަލާގެ ކުރިމަގު މިހާރު ފެންނަނީ ވަރަށް އުޖާލާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. ފާހަގަކޮށްލެވޭ ކަމަކީ ޓްރިޕްތީ އަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނާއި ކޯސްޓޯން ގުޅިގެން ހަދާފައިވާ ޓެލެންޓް އެޖެންސީން ކެރިއަރު މެނޭޖްކޮށްދޭ ބަތަލާއެއްކަމެވެ.

"އެނިމަލް" ގެ ސަބަބުން ޓްރިޕްތީ ވިދުން ގަދަވެ، އިންސްޓަގްރާމްގައި އޭނަ ފޮލޯކުރާ މީހުންގެ އަދަދު ވެސް ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ. މި މަހުގެ 1 ގައި "އެނިމަލް" ރިލީޒްކުރުމުގެ ކުރިން ޓްރިޕްތީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދަކީ ދެ މިލިއަނެވެ. އެކަމަކު ފިލްމު ރިލީޒްވުމާ އެކީ ފޮލޯވަރުންގެ އަދަދު މިހާރު ވަނީ 2.4 މިލިއަނަށް އަރައިފަ އެވެ.

ވަރަށް އުންމީދީ ބަތަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޓްރިޕްތީ، 29، ގެ ފުރަތަމަ ފިލްމަކީ ކުރީގެ ބަތަލާ ސްރީދޭވީގެ 2017 ގެ "މޮމް" އެވެ. އޭގެ ފަހުން އެ އަހަރު ބޮބީ ޑިއޯލްގެ "ޕޯސްޓަ ބޯއި" ގެ އިތުރުން 2018 ގެ "ލައިލާ މަޖުނޫ" ޓްރިޕްތީ ކުޅުނެވެ. ނަމަވެސް އޭނަ އަށް ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ ނެޓްފްލިކްސް އިން 2020 ގައި ގެނެސްދިން ބިރުވެރި ފިލްމު "ބުލްބުލް" އިންނެވެ. އަދި މިދިޔަ އަހަރު ރޮލީޒްކުރި "ގަލާ" ގައި ވެސް ޓްރިޕްތީ މޮޅު އެކްޓިންއެއް ދައްކާފައިވެ އެވެ.

އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވިކީ ކޯޝަލާ އެކީ ކުޅެފައިވާ "މޭރޭ މެހެބޫބް މޭރޭ ސަނަމް" އާއި ރާޖްކުމާރު ރާއޯއާ އެކީ ކުޅޭ "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ހިމެނެ އެވެ.