Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

އިތުރު ނޫސްވެރިއެއްގެ އާއިލާ ޝަހީދުކޮށްފި

ޒާގާ އަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި އަލް ޖަޒީރާގެ އިތުރު ނޫސްވެރިއެއްގެ އާއިލާގެ ގިނަ ބަޔަކު ޝަހީދުކޮށްލައިފި އެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގައި މި ފަހަރު ޝަހީދުކޮށްލީ ނޫސްވެރިޔާ މޫމިން އަލްޝަރީފީގެ އާއިލާގެ މެމްބަރުންނެވެ. އެ އާއިލާ ދިރިއުޅެމުން އައި ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިއްޔެ ފަތިހުގެ ވަގުތެއްގައި ދިން ހަމަލާގައި އާއިލާގެ 21 މީހަކު ޝަހީދުވެފައިވެ އެވެ. އޭގެ ތެރޭގައި މޫމިންގެ މަންމަ އާއި ބައްޕަ އާއި އެއްބަނޑު އެއްބަފާ މީހުންނާއި އެ މީހުންގެ އަނބިންނާއި ފިރިހެންގެ އިތުރުން މޫމިންގެ ދެބޭންގެ ދެދަރިން ވެސް ހިމެނެ އެވެ.

އާއިލާގެ އެތައް ބަޔަކު ގެއްލިގެން ދިއުމުގެ ހިތާމައިގައި ހުރި ނޫސްވެރިޔާ ބުނި ގޮތުގައި ޝަހީދުވި އާއިލާ މެންބަރުންގެ ހަށިތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ލިބިފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް އިޒްރޭލުން ވަނީ އަލް ޖަޒީރާގެ އެހެން ދެ ނޫސްވެރިއެއްގެ އާއިލާގެ އެތައް ބަޔަކު ވެސް ޝަހީދުކޮށްފަ އެވެ. އެގޮތުން އޮކްޓޯބަރު މަހުގެ 25 ގައި ދިން ހަމަލާއެއްގައި ނޫސްވެރިޔާ ވައެލް ދަހުދޫހްގެ އާއިލާގެ އެއްކޮށްހެން ޝަހީދުކޮށްލި އިރު، އޮކްޓޯބަރު މަހުގެ 31 ގައި ދިން ހަމަލާއެއްގައި އަލް ޖަޒީރާގެ ގާޒާ ބިއުރޯގެ ބްރޯޑްކާސްޓް އިންޖިނިއަރު މުހައްމަދު އަބޫ އަލް ގުމްސަންގެ އާއިލާގެ 19 މީހަކު ޝަހީދުކޮށްފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނަށް އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 16،248 އަށް އަރަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.