Last Updated: May 2, 18:49
Thursday, May 2, 2024
ޚަބަރު

ގަން އެއާޕޯޓްގެ ފަޔަ ކެޓަގަރީ ދަށްކޮށްފި؛ ބޮޑު ބޯޓު ނުޖެއްސޭނެ

ގަން އެއާޕޯޓްގައި ޕްރައިވެޓް ޖެޓްތަކެއް ޕާކްކޮށްފައި. ފޮޓޯ/ އޭއައިއޭ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފަޔަރަށް ބޭނުންވާ ވަސީލަތްތައް ހަމަނުވެގެން ބޮޑެތި ބޯޓުތައް ނުޖެއްސޭ ގޮތްވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ދަށުން ހިންގާ ގަން އެއާޕޯޓުގެ ފަޔަރަށް ބޭނުންވާ ވަސީލަތްތައް ނެތުމާއެކު، އެއާޕޯޓުގެ ފަޔަ އެންޑް ރެސްކިއު ކެޓަގަރީ ވަނީ 8 އިން 5 އަށް ތިރިކޮށްފައެވެ. މި ބަދަލު އައީ މިދިޔަ މަހުގެ 30 ގައެވެ. މި ގޮތަށް ދިމާވި މައިގަނޑު އެއް ސަބަބަކީ އެއާޕޯޓު ފަޔަރު އެ ކެޓަގަރީގައި ދަމަހައްޓަން ބޭނުންވާ ވަސީލަތްތައް ނެތުމެވެ.

"އައްޑޫ ލައިވް" އަށް އެނގައިފައިވާ ގޮތުގައި މީގެ ސަބަބުން ގަމަށް މިހާރު ބޮޑެތި ބޯޓު ނުޖެއްސޭނެއެވެ. އެގޮތުން މޯލްޑިވިއަންގެ އެއާބަސް އޭ-320 މަރުކާގެ ބޯޓު ވެސް ދެން ނުޖެއްސޭ ގޮތްވެފައިވާ އިރު، މި ވަގުތު ގަމަށް ޖައްސާ ސްރީލަންކަން އެއާލައިންގެ އެއާބަސް އޭ-321 އަށް ވެސް މިހާރު ކެޓަގަރީ ދަށްކުރުމުން ނުޖެއްސޭނެ އެވެ.

މީގެ އިތުރުން އެއާޕޯޓުގެ ފަޔަ އެންޑް ރެސްކިއުގެ މުވައްޒަފުންގެ މި މަހުގެ މުސާރަ ދިން އިރު އިތުރު ގަޑީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ކަނޑާލާފައިވާކަން "އައްޑޫ ލައިވް" އަށް ވަނީ އެނގިފަ އެވެ. މީގެ ސަބަބުން މުވައްޒަފުން ޑިއުޓީ އަށް މިހާރު ނުނިކުންނަ ކަމަށާއި އެކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. މިކަމާ ގުޅިގެން މުވައްޒަފުންތަކެއް ބުނެފައި ވަނީ މުސާރައިން ކަނޑާލީ އެކަން ކުރާކަން ކުރީބައިގައި ނާންގައި ކަމަށާއި އޭރު މުވައްޒަފުގެން ލައްވައި މަސައްކަތް ކުރުވާފައިވާ ކަމަށެވެ.

މި ހަޅުތާލުގެ ސަބަބުން އެހެން ބޯޓުތައް ޖެއްސުމަށް ވެސް މިހާރު އެއާޕޯޓަށް ވަނީ ދަތިވެފަ އެވެ. އެއީ ބޯޓުތައް ޖެއްސުމަށް ޑިއުޓީގައި ތިބެން ޖެހޭ މީހުން މަދުވުމުންނެވެ. އާންމުގެ ގޮތެއްގައި ޑިއުޓީގައި 8 މުވައްޒަފުން އެއް ވަގުތެއްގައި ތިބޭ އިރު، މިހާރު ސީނިއާ މުވައްޒަފުން ލައިގެން ކިރިޔާ ހަމަވަނީ 5 ނުވަތަ 6 ކަމަށް މައުލޫމާތު ލިބެ އެވެ.

ގަން އެއާޕޯޓުގެ ފަޔަ އެންޑް ރެސްކިއު ކެޓަގަރީ ދަށްކުރި އިރު، މީގެ ކުރިންވެސް އެއާޕޯޓުގައި އެ ވަސީލަތްތައް މަދެވެ. ނަމަވެސް އޭރު އެއާޕޯޓު މެނޭޖްމެންޓުން މަޝްވަރާކޮށްގެން ކެޓަގަރީ ދަށްނުކޮށް ކުރިއަށް ގެންދެވޭނެ ގޮތަށް މަގުފަހި ކުރި ކަމަށާއި ނަމަވެެސް، މިހާރު އެ ރިސްކު ފަޔަ އެންޑް ރެސްކިއުއިން ނަގަން ބޭނުން ނުވާ ކަމަށްވެ އެވެ.

ގަން އެއާޕޯޓު މިހާރު ތަރައްގީ ކުރަން މިހާރު ބޮޑު މަޝްރޫއެއް ހިންގަމުން އަންނަ އިރު، ސަރުކާރު ބަދަލުވި ފަހުން އަދި ކުންފުންޏަށް ވެރިއަކު ވެސް ހަމަޖައްސައިފައެއް ނުވެ އެވެ. އެހެންވެ މި ވަގުތު ކުންފުނީގެ ކަންކަން ހަމައަށް ނޭޅި ބޮއްސުންލާފައިވާކަން ފާހަގަކުރެވެ އެވެ.

އޭއައިއޭގެ މެނޭޖިން ޑިރެކްޓަރަކަށް އެންމެ ފަހުންނެވީ ގައިސް ނަސީރެވެ. އަދި ކުންފުނީގެ ޗެއާމަނަކަށް ހުންނެވީ އަޒާން އަހުމަދް ޒުހެއިރެވެ.