Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

އަމީޝާ ދެން ކުޅޭނީ ފުލުހެއްގެ ރޯލު

މި އަހަރު ރިލީޒްކުރި "ގަދަރު 2" ގެ ބޮޑު ކާމިޔާބީ އަށް ފަހު، ބޮލީވުޑްގެ ބަތަލާ އަމީޝާ ޕަޓޭލް ފިލްމެއްގައި ފުލުހެއްގެ ރޯލު ކުޅެން ސޮއިކޮށްފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ މި ފިލްމަކީ އަލަށް ފިލްމެއް ޕްރޮޑިއުސްކޮށް، ޑައިރެކްޓްކުރާ އަޖޭ ޝަރުމާގެ "ހަޓަކު" ކަމަށާއި ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ރާޖަސްތާންގައި ފަށާނެ ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި މީގެ މަސައްކަތް ރާވާފައި އޮތީ ޝޫޓިނ ފަށާ ގޮތަށް އެއްވާނެއްގައި ކުރިއަށް ގެންގޮސް، އެއް ޝެޑިއުލުން މުޅި ފިލްމުގެ ޝޫޓިން ނިންމާލަށެވެ.

"ހަޓަކް" ވާނީ ފިލްމެއްގައި އަމީޝާ ފުލުހެއްގެ ރޯލު ކުޅޭ ފުރަތަމަ ފަހަރަށެވެ. ފިލްމު "ކަހޯ ނާ…ޕިޔާރު ހޭ" އިން 2000 ވަނަ ބޮލީވުޑަށް ނުކުތް މިހާރު 48 އަހަރުގެ އަމީޝާ އަކީ މިހާރު މަދުން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ.

އޮގަސްޓްގައި އޭނަގެ "ގަދަރު 2" ގެނެސްދިނީ ފިލްމަކުން ނުފެންނަތާ ފަސް ވަރަކަށް އަހަރު ފަހުންނެވެ. މި އަހަރުގެ އެންމެ ބޮޑު އެއް ހިޓްގެ ތެރޭގައި ހިމެނޭ "ގަދަރު 2" އަކީ އަމީޝާ އާއި ސަނީ ޑިއޯލްގެ 2001 ގެ "ގަދަރު: އޭކް ޕްރޭމް ކަތާ" ގެ ދެވަނަ ބައެވެ.

އަމީޝާ ކުޅުނު ބައެއް ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "ހަމްރާޒް"، "ރޭސް"، "ރޭސް 2"، "ވާދާ" އަދި "ހަނީމޫން ޕްރައިވެޓް ލިމިޓެޑް" ހިމެނެ އެވެ.