Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ލައިވްގައި ދައްކައިލީ "މެދު އިނގިލި"

ބީބީސީގެ މަޝްހޫރު ހޯސްޓަކު ޕްރޮގްރާމެއްގެ ލައިވްގައި އަތުގެ މެދު އިނގިލި "އަރުވާ" މަންޒަރު އާންމުވެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން މައާފަށް އެދިއްޖެ އެވެ.

މި އަމަލު ފެނުނީ "ބީބީސީ ނިއުސް" ގެ ހޯސްޓްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އެތަނުގެ ޗީފް ޕްރެޒެންޓަރު މަރްޔަމް މޮޝީރީގެ ފަރާތުންނެވެ. އޭނަ އިނގިލި "އަރުވާ" މަންޒަރު ފެންނަ ވީޑިއޯކޮޅު ވެސް އެކި މީހުން ސޯޝަލް މީޑިއާގައި ހިއްސާކޮށް، ފާޑު ކިޔާފައިވެ އެވެ. އެގޮތުން ބީބީސީ ފަދަ އެޖެންސީއެއްގައ މަސައްކަތްކުރާ މީހެއްގެ ފަރާތުން ފެނުނު ހުތުރު އަމަލާ ހެދި މަރްޔަމް ޕްރޮފެޝަލްކަމާ ދޭތެރޭ ވެސް ސުވާލު އުފެެދޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ފާޑުކިޔުންތައް އަމާޒުވުމުން މަރްޔަމް ވަނީ އެކްސްގައި މިއަދު އާންމުކުރި ޕޯސްޓެއްގައި އެކަން ހިނގައި ދިޔަ ގޮތް ކަމަށް ބުނެ އެ ވާހަކަ ހިއްސާކޮށް މައާފަށް އެދިފަ އެވެ. އޭނަ ބުނި ގޮތައި އެއީ ލައިވަށް ތައްޔާރުވަމުން ދިއުމުގެ ތެރޭގައި "ޓީމާ އެކީ ކުރި މަޖަލެއްގެ ތަންކޮޅެ" ކެވެ. އެގޮތުން ލައިވް ފަށަން ކުޑަތަންވަމުން ދިޔަ އިރު އިނގިލިތަކުން 10 އާ ހަމައަށް ގުނަމުން ދިޔަ ކަމަށާއި އެގޮތުން މެދު އިނގިލި ވެސް ދައްކައިލެވުނި ކަމަށް ބުންޏެވެ. އަދި އެ މަންޒަރު ލައިވް ކެމެރާ އަށް އަރައިފާނެކަން ނޭނގޭ ކަމަށް ބުންޏެވެ.

އެހެންވެ އެއީ ޓީވީ ބަލާ މީހުންނާ ދިމާއަށް ހުތުރު އިޝާރާތެއް ކުރުމުގެ ނިޔަތުގައި ކުރި ނޫން ކަމަށާއި އެއީ ޓީމާ އެކީ މަޖަލަށް ކުރި ކަމަށް މަރްޔަން ބުންޏެވެ. ނަމަވެސް އެ މަންޒަރު ލައިވްކޮށް ގިނަ ބަޔަކަށް ފެނިފައިވާތީ އެކަމާ ވަރަށް ބޮޑަށް މައާފަށް އެދޭ ކަމަށް ބުންޏެވެ.

ޔުނިވަސިޓީ ކޮލެޖް ލަންޑަނުން 2001 ގައި ބްރޯޑްކާސްޓް ޖާނަލިޒަމުން ޕޯސްޓްގްރެޖްއޭޓް ޑިޕްލޮމާ ހާސިލުކޮށްފައިވާ މަޔްރަމް، 46، ބީބީސީއާ ގުޅުނީ ވެސް އެ އަހަރު އެވެ. އޭނަ އަކީ އިރާނަށް އުފަން މީހެކެވެ.