ފިލްމީ ދާއިރާ އަށް އާ ފަންނާނުންތަކެއް ތައާރަފުކޮށް "ދި އާޗީސް" މިއަދު ނެޓްފްލިކްސް އިން ޕްރީމިއާކޮށްފި އެވެ.
ޒޯޔާ އަހްތަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނާއި އާމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ އާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރްގެ އިތުރުން ޒުވާން ހަތަރު ފަންނާނަކު ތައާރަފުކޮށްދިން ފިލްމެވެ.
"ދި އާޗީސް" މިއަދު ނެޓްފްލިކްސް އަށް ދޫކޮށްލުމުގެ ކުރިން އިއްޔެ ވަރަށް ކުލަގަދަކޮށް ފިލްމުގެ ހާއްސަ ޕްރީމިއާއެއް ބޭއްވި އެވެ، އޭގައި ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެ، ފިލްމު ބަލާފައިވެ އެވެ. އެގޮތުން ކަރަން ޖޯހަރް ވަނީ ފިލްމު ބަލާފައި މުޅި ޓީމް ކޮށްފައި އޮތް މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
"ދި އާޗީސް" އަކީ ހުޅަނގުގެ މަޝްހޫރު "އާޗީ" ކޮމިކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގެ ޑައިރެކްޓަރު ޒޯޔާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2019 ގެ "ގަލީ ބޯއި" އެވެ.