Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

ބީއެމްއެލްގެ އެހީގައި އިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިމާދުއްދީން ސްކޫލުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ތެރަޕީ ރޫމެއް ގާއިމުކޮށްފި އެވެ.

ބީއެމްއެލުން ބުނީ އެ ތެރަޕީ ރޫމް ފަރުމާކޮށްފައިވަނީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން، އެ ކުދިންގެ ގާބިލުކަން އިތުރުކޮށް، ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީވެސް ދިނުމަށް ހާއްސަ ބައެއް ހިމަނައިގެން ކަމަށެވެ. އަދި އެ ތެރަޕީ ރޫމުން ސެންސަރީ އެކްޓިވިޓީތަކާއި ކައުންސިލިން ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ 130 އަށް ވުރެ ގިނަ ދަރިވަރުން މި ތެރަޕީ ރޫމް ބޭނުންކުރަމުންދެ އެވެ.

ބީއެމްއެލުން އަބަދުވެސް އަންނަނީ، ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި، ތައުލީމާއި، ކުޅިވަރު އަދި ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓުތަކަށް އިންވެސްޓް ކުރަމުންނެވެ. އޭގެ ތެރެއިން ތައުލީމީ ދާއިރާ އަކީ ބީއެމްއެލުން ހާއްސަކަމެއްދޭ މުހިންމު ދާއިރެއެކެވެ.

ފާއިތުވި ހަތަރު އަހަރުގައި ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލަކަށް ސްޕެޝަލް އެޑިއުކޭޝަން ނީޑް ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފައެވެ. އޭގެ އިތުރުން އެ ބޭންކުން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮމްޕިއުޓަރު ލެބް ތަރައްގީކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.