"ކޭޖީއެފް" ގެ ދެ ފިލްމުން ބޮޑު މަޝްހޫރު ކަމެއް ހޯދި އިންޑިއާގެ ކަންނާޑާ އެކްޓަރު ޔާޝްގެ އާ ފިލްމުގެ ނަމަކީ "ޓޮކްސިކް" ކަން އިއުލާންކޮށްފި އެވެ.
އެޕްރީލް 10، 2025 ގައި ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ކާމިޔާބު އެކްޓަރު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ އެއްޗެކެވެ. އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ޓޮކްސިކް" ގެ ޑައިރެކްޓަރަކީ ގީތޫ މޯހަންދާސް އެވެ. މީގެ ޓެގް ލައިނަކީ "އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް" އެވެ.
ފިލްމު ރަސްމީކޮށް އިއުލާންކުރި ނަމަވެސް މިއާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް އަދިއެއް ނެތެވެ.
ޔާޝްގެ ވިދުން ގަދަކޮށްދިން "ކޭޖީއެފް: ޗެޕްޓާ 1" 2018 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ބައި ގެނެސްދިނީ މިދިޔަ އަހަރު އެވެ. މި ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ދެ ފިލްމެވެ.
ޔާޝް، 37، އެކްޓިން އަށް ނުކުތީ 2004 ގައި "އުތަރަޔާނާ" ސިލްސިލާއަކުންނެވެ. އޭނަގެ ފިލްމީ ކެރިއަރުގެ ފެށުމަކީ 2007 "ޖަމްބާޅާ ހުޅުގީ" އިންނެވެ.
ޔާޝްގެ އާ ފިލްމު "ޓޮކްސިކް" މިއަދު އިއުލާންކުރި އިރު، ރިޕޯޓްތައް ބުނާ ގޮތުން ބޮލީވުޑްގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ ޓްރިލޮޖީއެއްގެ ގޮތުގައި ހަދަން ނިންމާފައިވާ "ރާމަޔާން" ގެ ކާސްޓްގައި ވެސް ޔާޝް ހިމެނެ އެވެ. އަދި މި ފިލްމު ވާނީ އޭނަގެ ފުރަތަމަ ހިންދީ ފިލްމަށެވެ. އަޑުތައް އަރާފައިވާ ގޮތުން "ރާމާޔަން" ގެ މައިގަނޑު ކާސްޓްގައި ދެން ހިމެނެނީ ރަންބީރް ކަޕޫރާއި ދެކުނުގެ ބަތަލާ ސައީ ޕައްލަވީ އެވެ.
މި އަހަރު "ބަވާލް' ގެނެސްދިން ނިތޭޝް އަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ޗިޗޯރޭ" އާއި "ޑަންގަލް" ގެނެސްދިން ޑައިރެކްޓަރެވެ.