Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ކުރީގެ ޕީޖީ މުހްތާޒް ވެސް މަޖިލީހަށް

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރެއްވި މުއިއްޒު މިކަން ސޯޝަލް މީޑިއާގައި އިއުލާންކުރައްވައި ވިދާޅުވީ ވާދަކުރައްވާނީ ދަނގެތީ ދާއިރާ އަށް ކަމަށެވެ. އެ ދާއިރާގެ މިހާރުގެ މެންބަރަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމެވެ.

މުހުތާޒަކީ ޕީޖީގެ މަގާމުގައި ހުންނަވިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށް ވެސް ލި ބޭފުޅެކެވެ. އެއީ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި ޓެރަރިޒަމްގެ ކުށުގަ އެވެ. އެ މައްސަލާގައި އޭނަ އަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވައި 2016 ގައި ޖަލަށްލި އެވެ. މުހުތާޒް މިނިވަންވި މަތީ ކޯޓުން އެ ހުކުމް ބާތިލް ކުރުމުންނެވެ.

އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ކުރިން ޕީޖީގެ މަގާމު އަދާކުރެއްވި އަހުމަދު މުއިއްޒު ވެސް ވާދަކުރައްވަން ނިންމަވާފައިވެ އެވެ. އޭނަ ވާދަކުރައްވަން ނިންމެވީ ވަނީ މައްޗަންގޮޅި އުތުރު ދާއިރާއަށެވެ.