Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ހަނގުރާމަ މެދުކަނޑާލުމުގެ ގަރާރު ވީޓޯކޮށްފި

އިޒްރޭލާއި ހަމާސް ޖަމާއަތުގެ ދެމެދު ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލަން ގޮވާލާ އދ. ގެ ސަލާމަތީ ކައުންސިލަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކޮށްފި އެވެ.

މި ގަރާރު އދ. ގެ ސަލާމަތީ ކައުންސިލަށް ހުށަހެޅި ޔޫއޭއީންނެވެ. މި ގަރާރަށް ސަލާމަތީ ކައުންސިލްގެ 15 މެމްބަރު ގައުމުގެ ތެރެއިން 13 މެމްބަރުންގެ ތާއީދު އެ ގަރާރަށް ލިބިފައިވެ އެވެ. އިނގިރޭސިވިލާތުން މި ވޯޓުގައި ބައިވެރިވެފައި ނުވާއިރު ގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އެމެރިކާއިން އެކަންޏެވެ. އދ. ގެ ސަލާމަތީ ކައުންސިލުން މައްސަލައެއް ފާސްކުރުމަށް ނުވަ ވޯޓާއި ވީޓޯ ކުރުމުގެ ބާރު ލިބޭ އެމެރިކާ، ރަޝިއާ، ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތުގެ ތާއީދު ބޭނުންވާނެ އެވެ.

އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ރޮބަޓް ވުޑް ވިދާޅުވީ އެ ގަރާރު ހުށަހަޅާފައިވަނީ އަވަސް އަރުވާލައިގެން ކަމަށާއި އެ ގަރާރުގައި އެމެރިކާ އިން ލަފާދިން ގާތްގަނޑަކަށް ހުރިހާ ކަމަކަށް ބީރު ކަންފަތެއް ދީފައިވާ ކަމަށެވެ. އަދި މި ގަރާރުގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދީފައިވާ ހަމަލާތައް ކުށްވެރިކުރާ ވާހަކަ ނެތުމަކީ ވެސް ގަރާރަށް ވޯޓު ނުދިން ސަބަބެއް ކަމަށް ވިދާޅުވި އެވެ.

ހަނގުރާމަ ހަފްތާއަކަށް މެދުކަނޑާލުމަށްފަހު އިޒްރޭލުން އަލުން ފަލަސްތީނުގެ ގާޒާ އަށް ހަމަލާތައް ދޭން ފަށާފައިވާއިރު، އިޒްރޭލުން އަންނަނީ ގާޒާގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކަށް ހަމަލާތައް އަމާޒު ކުރަމުންނެވެ. ގާޒާގެ އިތުރުން އިޒްރޭލުން އަންނަނީ ހުޅަނގު އައްސޭރީގައި ވެސް ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 17،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.