ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި ކުޅުނު 1،200 ވަނަ މެޗުގައި ރޭ ސައުދީ ޕްރޯ ލީގުގައި އަލް ނަސްރުން 4-1 އިން އަލް ރިޔާދު ބަލިކޮށްފި އެވެ.
ރޭގެ މޮޅާއެކު ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރު އޮތީ 16 މެޗުން ލިބުނު 37 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއް ވަނައިގައި 44 ޕޮއިންޓާ އެކު އޮތީ އަލް ހިލާލް އެވެ.
ރޭގެ މެޗުގައި އަލް ނަސްރުގެ ފުރަތަމަ ގޯލު މެޗުގެ 31 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. ރޮނާލްޑޯ މި ގޯލު ކާމިޔާބުކުރީ ސަޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ސައުދީ ޕްރޯ ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި މިވަގުތު އޮތީ ވެސް ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ ލީގުގައި ކުޅުނު 15 މެޗުގައި 16 ގޯލު ކާމިޔާބުކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮނާލްޑޯ ދިން ޕާހަކުން އަލް ނަސްރުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އޮޓާވިއޯ އެވެ. އަލް ނަސްރުގެ ފަހު ދެ ގޯލު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ޓަލިސްކާ އެވެ. އަލް ރިޔާދުން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ކުރިން އެވަޓަން އަށް ކުޅުނު އަންދްރޭ ގްރޭ އެވެ.
ރޮނާލްޑޯ ކެރިއަރުގައި 1،200 މެޗު ހަމަކޮށްފައިވާއިރު އޭނާ ވަނީ ކެރިއަރުގައި 850 އަށް ވުރެ ގިނަ ގޯލު ކާމިޔާބުކޮށްފަ އެވެ.
ރޮނާލްޑޯ 1،200 މެޗު ހަމަކުރި ގޮތް:
* ސްޕޯޓިން ލިސްބަން: 31 މެޗު
* މެންޗެސްޓާ ޔުނައިޓެޑް: 346 މެޗު
* ރެއާލް މެޑްރިޑް: 438 މެޗު
* ޔުވެންޓަސް: 134 މެޗު
* އަލް ނަސްރު: 46 މެޗު
* ޕޯޗުގަލްގެ ގައުމީ ޓީމަށް: 205 މެޗު
ރޮނާލްޑޯ އަލް ނަސްރު އަށް ބަދަލުވީ މިދިޔަ އަހަރު އެވެ.