Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

އިންޑިއާ އިން ފިޔާ އެކްސްޕޯޓް މަނާކޮށްފި

އަންނަ އަހަރުގެ މާޗްގެ ނިޔަލަށް އެއްވެސް ގައުމަކަށް ފިޔާ އެކްސްޕޯޓްކުރުން އިންޑިއާ އިން މަނާކޮށްފި އެވެ.

ދުނިޔޭގައި އެންމެ ގިނަ އަދަކަށް ފިޔާ ހައްދާ އެއް ގައުމު ކަމަށްވާ އިންޑިއާގެ ޑިރެކްޓަ ޖެނެރަލް އޮފް ފޮރިން ޓްރޭޑް ޑީޖީއެފްޓީ) އިން ބުރާސްފަތި ދުވަހު ނެރުނު ނޯޓިހެއްގައި ބުނީ އަންނަ އަހަރުގެ މާޗް 31 ހަމައަށް އެއްވެސް ގައުމަށް ފިޔާ އެކްސްޕޯޓްކަރުން މަނާކޮށްފައިވާ ކަމަށެވެ.

މިގޮތަށް ނިންމި ނަމަވެސް މި ދަނޑިވަޅުގައި ފިޔާ ބޭރުކުރެވޭނެ ތިން ހާލަތެއް ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތުން ނޯޓިސް ނެރުމުގެ ކުރިން ފިޔާ ޝިޕްމަންޓްތައް ބަރުކޮށްފައިވާ އުޅަނދުތަކަށް އެ ޝިޕްމަންޓްތައް ބޭރުކުރަން ހުއްދަ އޮންނާނެ އެވެ. އަދި ޝިޕިން ބިލް ހުށަހަޅައި، މިހާރު ވެސް ބަނދަރުތަކުގައި ފިޔާ ޝިޕްމަންޓް ލޯޑުކޯށްފައިވާ އުޅަނދުތަކަށް އަންނަ މަހުގެ 5 އާ ހަމައަށް އެ ޝިޕްމަމްޓްތައް ގެންދަން ހުއްދަ ދޭނެ އެވެ. މީގ އިތުރުން ފިޔާ އަށް ދަތިވެގެން ގައުމަކުން އިންޑިއާ ސަރުކާރުގައި އެދިއްޖެ ހާލަތެއްގައި ފިޔާ ލިބޭނެ ގޮތް ހަމަޖައްސައި ދޭނެ އެވެ.

ރާއްޖެ އަކީ އަބަދު ވެސް އިންޑިއާ އިން ގިނަ އަދަދަކަށް ފިޔާ އެތެރެކުރާ ގައުމެކެވެ.

މީޑިއާތަކުން ބުނި ގޮތުގައި އިންޑިއާ އިން ފިޔާ އެކްސްޕޯޓްކުރުން އަންނަ އަހަރުގެ މާޗްގެ ނިޔަލަށް މަނާކުރީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް، އިންފްލޭޝަނާ ދެކޮޅަށް އަޅަން ނިންމި ފިޔަވަޅެއްގެ ގޮތުގަ އެވެ.