އަދި ތިން ހަތަރު އަހަރު ފަހުން ދަރިން ބޮލީވުޑަށް ނުކުންނާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ބޮބީ ޑިއޯލް ބުނެފި އެވެ.
އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ފިލްމު "އެނިމަލް" ގެ ރޯލެއް ވެސް ކުޅެފައިވާ 54 އަހަރުގެ އެކްޓަރުގެ ތިބެނީ ދެ ފިރިހެން ކުދިންނެވެ. އެއީ އަރިއަމަން ޑިއޯލް، 22، އާއި ދަރަމް ޑިއޯލް، 19، އެވެ.
އަރިއަމަން ވަރަށް އަވަހަށް ބޮލީވުޑަށް ނެރޭނެ ވާހަކަ މި ފަހުން ވަރަށް ބޮޑަށް މީޑިއާތަކުގައި ދެވިފައވެ އެވެ. މި އަހަރުގެ ތެރޭގައި އެމެރިކާގެ ޔުނިވަސިޓީއަކުން ގްރެޖްއޭޓް ވެސް އަރިއަމަން އަކީ އާއިލާގެ މީހުންނާ އެކީ މިހާރު ފިލްމީ އެކިއެކި އިވެންޓްތަކުން ވެސް ވަރަށް އާންމުކޮށް ފެންނަ މޫނެކެވެ.
ވަރަށް ގިނަ ބަޔަކު ބުނާ ގޮތުގައި އަރިއަމަން އަކީ ބަލާލަން ވެސް ވަރަށް ރީތި "ސްޓާ މެޓީއަރިއަލް" އެކެވެ. އެހެންވެ އޭނަ ބޮޑު ސްކްރީނުން ދެކިލުމުގެ ޝައުގުވެރިކަން ބޮޑު ކަމަށް އެކި މީހުން ބުނެފައިވެ އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބޮބީ ބުނީ އޭނަގެ ދަރިން ބޮލީވުޑަށް ނުކުންނާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
"އެކަމަކު ދެ ކުދިން ވެސް އަދި ތަންކޮޅެއް ޅަ. ޔަގީނުން ވެސް އަދި ތިން ހަތަރު ފަހުން އެ ކުދިން ބޮލީވުޑަށް ނުކުންނާނެ." މަޝްހޫރު އެކްޓަރު ދަރުމެންދުރާ ދެވަނަ ފިރިހެން ދަރިފުޅު ބުންޏެވެ.
ނުވަދިހައިގެ ތެރޭގައި ބޮޑު މަޝްހޫރު ކަމެއް ހޯދި ބޮބީ ބޮލީވުޑަށް ނުކުތީ 1995 ގެ ފިލްމު "ބަރުސާތު" އިންނެވެ. އޭގައި އޭނައާ އެކީ ބަތަލާގެ ރޯލު ކުޅުނީ އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް އެވެ. "ބަރުސާތު" އަކީ މަޝްހޫރު ތަރިން ކަމަށްވާ ޑިމްޕަލް ކަޕާޑިއާ އާއި ރާޖޭޝްގެ ކަންނާގެ ދޮށީ ދަރިފުޅު ޓްވިންކަލްގެ ވެސް ފުރަތަމަ ފިލްމެވެ.
ބޮބީގެ ދަރިން ބޮލީވުޑުން ފެންނާނެކަމުގެ ޔަގީންކަން ދީފައިވާ އިރު، އޭނަގެ ބޭބެ ސަނީ ޑިއޯލްގެ ދެ ދަރިން ވެސް ވަނީ އިންޑަސްޓްރީ އަށް ނުކުމެފަ އެވެ. އެގޮތުން ސަނީގެ ދޮށީ ދަރިފުޅު ބޮލީވުޑަށް ނެރުނީ އޭނަ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. ސަނީގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލްގެ އަލަތު ފިލްމަކީ މިދިޔަ އޮކްޓޯބަރުގައި ރާޖްޝްރީ ޕްރޮޑަކްޝަނުން ގެނެސްދިން "ދޯނޯ" އެވެ.