Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ސަނީގެ ބަތަލާއަކަށް އާމިރުގެ "މަންމަ"

ސަނީ ޑިއޯލް ސޮއިކޮށްފައިވާ އާ ފިލްމު "ލާހޯރް: 1947" ގެ ބަތަލާއަކަށް އެ ފިލްމުގެ ޕްރޮޑިއުސަރު އާމިރު ޚާންގެ އެންމެ ފަހުގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގައި އޭނަގެ މަންމަގެ ރޯލު ކުޅުނު މޯނާ ސިންގް ނަގާފައިވާ ކަމަށް ރިޕޯޓްކޮށްފި އެވެ.

ފިލްމުތަކުގައި ދޭތެރެ ދޭތެރެއިން ސަޕޯޓިން ރޯލުތައް ކުޅެމުން އަންނަ މޯނާ އަކީ މަޝްހޫރު ޓީވީ ބަތަލާއެކެވެ. އޭނަ އާންމުންގެ ތެރޭގައި މަޝްހޫރުވީ ސޮނީ ޓީވީން މީގެ އަހަރުތަކެއް ކުރިން ގެނެސްދިން ސިލްސިލާ "ޖެސީ ޖޭސީ ކޮއީ ނެހީ" އިންނެވެ. ސަނީ، 66، ގެ އާ ފިލްމުގައި އޭނަގެ އަންހެނުން ރޯލު ކުޅެން މޯނާ، 42، ހަމަޖެއްސި އިރު، އާމިރުގެ 2009 ގެ "3 އިޑިއަޓްސް" ގައި ބަތަލާ ކަރީނާ ކަޕޫރްގެ ދައްތަގެ ރޯލު ވެސް އޭނަ ކުޅެފައިވެ އެވެ.

ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކުރަމުން އަންނަ ވެބް ސީރީޒް "ސްޓާޑަމް" ގެ ކާސްޓްގައި ވެސް މޯނާ ހިމެނެ އެވެ.

"ލާހޯރް: 1947" ގެ ބަތަލާއަކަށް މޯނާ ނެގި އިރު، ސަނީ ކުރިން ވެސް މަޝްހޫރު ޓީވީ ބަތަލާއަކާ އެކީ މަސައްކަތްކުރި އެވެ. އެއީ 2015 ގެ "މޮހައްލާ އައްސީ" ގަ އެވެ. އޭގައި އޭނަގެ އަންހެނުންގެ ރޯލު ކުޅުނީ "ބަޅޭ އައްޗޭ ލަގްތޭ ހޭ" އާއި "ކަހާނީ ގަރް ގަރް ކީ" ފަދަ މަގުބޫލު ސިލްސިލާތައް ކުޅުނު ސާކްޝީ ތަންވަރު އެވެ.

"ލާހޯރް: 1947" އަކީ އާމިރު ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނަ އަކީ ސަނީގެ "ދާމިނީ' އާއި "ގާޔަލް" އަދި "ގަތަކު" ގެ ޑައިރެކްޓަރެވެ.