Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"ލަވް ސްޓޯރީ" ގެ ބަތަލު މަރުވެއްޖެ

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ހޮލީވުޑްގެ ފިލްމު "ލަވް ސްޓޯރީ" ގެ ބަތަލު ރަޔަން އޮ ނީލް މަރުވެއްޖެ އެވެ.

އުމުރުން 82 އަހަރުގައި އޭނަ މަރުވީ އިއްޔެ އެވެ. ނަމަވެސް މަރާ ގުޅޭ އެއްވެސް ތަފުސީލެއް އާއިލާއިން ހާމައެއްނުކުރެ އެވެ. ރަޔަން މަރުވިކަން އިއުލާންކުރީ ދަރިފުޅު ޕެޓްރިކް އޮ ނީލްގެ ގެ އިންސްޓަގްރާމް ޕޯސްޓެެއްގަ އެވެ. ރަޔަން އަށް 2001 ލޭގެ ކެންސަރު ޖެހިފައިވާ އިރު، 2012 ގައި ޕްރޮސްޓްރޭޓް ކެންސަރު ވެސް ޖެހިފައިވެ އެވެ.

ނަވާރަ ސަތޭކަ ހަތްދިހައިގައި ރިލީޒްކުރި "ލަވް ސްޓޯރީ" ގައި ކުޅުނު އޮލިވާގެ ރޯލުން ރަޔަން އެންމެ މޮޅު ބަތަލުގެ އޮސްކާ އެވޯޑަށް ނޮމިނޭޓް ވެސް ވި އެވެ. އެ ފިލްމުގެ ކާމިޔާބީ އަށް ފަހު 1978 ގައި ދެވަނަ ބައެއް " އޮލިވާސް ސްޓޯރީ" ގެ ނަމުގައި ވެސް ގެނެސްދިނެވެ.

ރަޔަން އެންމެ ފަހުން ފެނިފައި ވަނީ 2015 ގެ "ނައިޓް އޮފް ކަޕްސް" އިންނެވެ. ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތަކެއް ވެސް ކުޅުނު އެކްޓަރުގެ 1972 ގެ "ވަޓްސް އަޕް، ޑޮކް؟" އަކީ ވެސް ވަރަށް މަޝްހޫރުވި ފިލްމެކެވެ.