Last Updated: May 5, 21:07
Tuesday, May 6, 2025
މުނިފޫހިފިލުވުން

ސީޒަން މަޖިލީހަށް ވާދަ ނުކުރާނެ!

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރަން މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ނިންމައިފި އެވެ.

އޭނަ ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނެގުމަށް ފަހު، މަޖިލީހަށް ވާދަކުރަން ނިންމިކަން އިއުލާންކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ސީޒަން ވާދަނުކުރަން ނިންމި އިރު، އޭނަ ވަނީ ތުލުސްދޫ ދާއިރާ އަށް ކެމްޕޭން ވެސް ކޮށްފަ އެވެ.

ނަމަވެސް އިންތިހާބުގައި ވާދަނުކުރަން ނިންމިކަން ހާމަކޮށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ކާމިޔާބު ފިލްމީ ތަރި ބުނީ މި ފަހަރު ނިންމީ ވާދަނުކުރަން ކަމަށެވެ.

"ތުލުސްދޫ ދާއިރާ އަށް ވާދަ ނުކުރަނީ ކީއްވެގެންކަން އެއީ އަޅުގަނޑަށް ހީވަނީ ވަރަށް މުހިއްމު ސުވާލެއް ކަންނޭނގޭ. ދެން އެންމެ މުހިއްމު ސުވާލަކަށް ވާނީ ކީއްވެގެންހޭ ވާދަނުކުރަން ނިންމީ؟ އެހެންވީމަ ވަރަށް އަވަސް ތާރީހެއްގައި ވާދަނުކުރަން ނިންމި ސަބަބު ހާމަކުރާނަން." ސީޒަން ބުންޏެވެ.

މެސެޖްގައި ސީޒަން ވަނީ އޭނަ ވާދަކުރަން ނިންމި ތުލުސްދޫ ދާއިރާ ހިމެނޭ ތުލުސްދު އާއި ދިއްފުށިން ދިން ސަޕޯޓަށް ޝުކުރު އަދާކޮށް، ކެމްޕޭންގައި އެހީތެރިވެ ދިން ރައްޓެހިންނާއި އާއިލާގެ މީހުންނާއި ގާތް އެންމެންނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

"[ވާދަނުކުރަން ނިންމަން ޖެހުނީތީ އެ ހުރިހާ އެންމެންގެ ފަރާތުން] މައާފަށް ވެސް އެދެން." ސީޒަން ބުންޏެވެ.

މި އަހަރު ސީޒަންގެ ތިން ފިލްމެއް ބެލުންތެރިންނާ ހަމައަށް އަ އެވެ. އެއީ "ލޯބިވެވިއްޖެ" އާއި "ކައުޝި" އަދި "ކަޅަކި" އެވެ. މީގެ ތެރެއިން "ކައުޝި" އަކީ ސީޒަން ރޯލެއް ނުކުޅެ، ޕްރޮޑިއުސްކޮށް، ޑައިރެކްޓްކުރި ފިލްމެކެވެ. އަދި "ލޯބިވެވިއްޖެ" އަކީ އޭނަ ކުޅެ، ޑައިރެކްޓްކުރި ފިލްމެކެވެ.