ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ ލޭއޮހޮރުވުމުގެ ޒިންމާ އެމެރިކާ އިން ނަގަންޖެހޭ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.
އައްބާސް މިހެން ވިދާޅުވީ އިޒްރޭލާއި ހަމާސް ޖަމާއަތުގެ ދެމެދު ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލަން ގޮވާލާ އދ. ގެ ސަލާމަތީ ކައުންސިލަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކުރުމާ ގުޅިގެންނެވެ.
ފަލަސްތީނުގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާ އަކީ އުދުވާނީ ހަމަލާތަކަށް ހިތްވަރުދޭ އަދި ހުރިހާ އިންސާނީ އުޞޫލުތަކާއި ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވަމުންދާ ކަމަށް ސިފަކުރައްވާފަ އެވެ. އަދި ގާޒާގެ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ ލޭ އޮހޮރުވުމުގެ ޒިންމާ އެމެރިކާ އިން ނަގަންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.
މި ގަރާރު އދ. ގެ ސަލާމަތީ ކައުންސިލަށް ހުށަހެޅި ޔޫއޭއީންނެވެ. މި ގަރާރަށް ސަލާމަތީ ކައުންސިލްގެ 15 މެމްބަރު ގައުމުގެ ތެރެއިން 13 މެމްބަރުންގެ ތާއީދު އެ ގަރާރަށް ލިބިފައިވެ އެވެ. އިނގިރޭސިވިލާތުން މި ވޯޓުގައި ބައިވެރިވެފައި ނުވާއިރު ގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އެމެރިކާއިން އެކަންޏެވެ. އދ. ގެ ސަލާމަތީ ކައުންސިލުން މައްސަލައެއް ފާސްކުރުމަށް ނުވަ ވޯޓާއި ވީޓޯ ކުރުމުގެ ބާރު ލިބޭ އެމެރިކާ، ރަޝިއާ، ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތުގެ ތާއީދު ބޭނުންވާނެ އެވެ.
ހަނގުރާމަ ހަފްތާއަކަށް މެދުކަނޑާލުމަށްފަހު އިޒްރޭލުން އަލުން ފަލަސްތީނުގެ ގާޒާ އަށް ހަމަލާތައް ދޭން ފަށާފައިވާއިރު، އިޒްރޭލުން އަންނަނީ ގާޒާގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކަށް ހަމަލާތައް އަމާޒު ކުރަމުންނެވެ. ގާޒާގެ އިތުރުން އިޒްރޭލުން އަންނަނީ ހުޅަނގު އައްސޭރީގައި ވެސް ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 17،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.