މުހައްމަދު ސަލާހު ލިވަޕޫލަށް ކާމިޔާބުކޮށްދިން 200 ވަނަ ލަނޑުން 2-1 އިން ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސް އަތުން މުހިއްމު މޮޅެއް ހޯދައި ޕްރިމިއާ ލީގުގެ އެއްވަނަ އަށް ލިވަޕޫލް އަރައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 16 މެޗުން ލިބުނު 37 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 15 މެޗުން ލިބުނު 36 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު އެޓީމުން މިރޭ ލީގުގައި ނިކުންނާނީ ތިންވަނައިގައި 32 ޕޮއިންޓާ އެކު އޮތް އެސްޓަންވިލާއާ ދެކޮޅަށެވެ.
ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޕެލެސް އިންނެވެ. ޕެލެސް އަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 57 ވަނަ މިނެޓްގައި މި ގޯލު ކާމިޔާބުކޮށްދިނީ މަޓޭޓާ އެވެ. މިއީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރެއިން މަޓޭޓާ އަށް ކުރި ފައުލަކާ ގުޅިގެން ޕެލެސް އަށް ލިބުނު ޕެނަލްޓީއެކެވެ.
ގޯލަށްފަހު ޕެލެސް އިން ރަނގަޅަށް ކުޅެމުންދަނިކޮށް އެޓީމަށް މައްސަލަތަކެއް ދިމާވީ މެޗުގެ 75 ވަނަ މިނެޓްގައި ޖޯޑަން އަޔޫ އަށް ދެއްކި ރަތްކާޑާ ގުޅިގެންނެވެ. ދެވަނަ ރީނދޫ ކާޑާއެކު އަޔޫ އަށް ރަތްކާޑު ދެއްކީ ލިވަޕޫލްގެ ހާވީ އެލިއޮޓް އަށް ކުރި ފައުލަކާ ގުޅިގެންނެވެ. އަޔޫ އަށް ރަތްކާޑު ދެއްކިތާ މިނެޓެއް ފަހުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ލިވަޕޫލަށް ސަލާހު ކާމިޔާބުކޮށްދިން 200 ވަނަ ގޯލު ކަމަށްވާއިރު މިއީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 150 ވަނަ ގޯލެވެ.
ނަތީޖާ އެއްވަރުކުރުމަށްފަހު ޓީމު ކުރިއަށް ޖެހިލައިގެން ލިވަޕޫލުން ދިޔައީ ފުލުފުލުގައި ޕެލެސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެލިއޮޓް ވަނީ ލިވަޕޫލަށް ލީޑު ނަގާދީފަ އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ ޕެލެސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޕެލެސްގެ އެންޑަސަން އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އެވެ.
ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. ޕެލެސް ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.