Last Updated: July 14, 13:49
Wednesday, July 15, 2026
ކުޅިވަރު

ވިލާ އިން އާސެނަލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެސްޓަންވިލާ އިން އާސެނަލްގެ މައްޗަށް 1-0 އިން ކުރި ހޯދައިފި އެވެ.

މި މޮޅާއެކު ވިލާ އޮތީ 16 މެޗުން ލިބުނު 35 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި 36 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު އެއްވަނައިގައި 37 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.

މިއީ ވިލާ އިން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހޯދި 15 ވަނަ މޮޅެވެ. މިއީ އެ ކްލަބުގެ ރެކޯޑެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ވިލާ އަށް މެޗުގެ 7 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޖޯން މެގިން އެވެ. ވިލާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މެގިން މި ގޯލު ކާމިޔާބު ކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ވިލާ އިން ދެވަނަ ހާފުގައި ވެސް ކައުންޓަ އެޓޭކުގައި އާސެނަލްގެ ގޯލަށް ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ.

މި މެޗުގައި ގޯލު ކާމިޔާބު ކުރަން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ވިލާގެ ކީޕަރު އެމީ މާޓިނޭޒް ދިފާއުކުރިއިރު ދެވަނަ ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ އާސެނަލްގެ ކައި ހަވެޓްޒް ގޯލެއް ކާމިޔާބު ކުރި ނަމަވެސް މި ގޯލު ކާމިޔާބު ކުރުމުގެ ތެރޭގައި ހަވެޓްޒްގެ އަތުގައި ބޯޅަ ޖެހިފައިވާތީ އެ ގޯލު ވަނީ ކެންސަލްކޮށްފަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ބޯންމަތް އަތުން 3-0 އިން ބަލިވެފަ އެވެ. ޝެފީލްޑް ޔުނައިޓެޑުން 1-0 އިން ބްރެންޓްފޯޑު ބަލިކުރިއިރު ބްރައިޓަން އާއި ބާންލީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.