Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ރުޅިވި ދެ ލޯބިވެރިން އަލުން އެކީގައި

އެކީގައި ފިލްމެއް ކުޅުމަށް ފަހު ރުޅިވި، ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ ކާތިކް އާރިއަނާއި ސާރާ އަލީ ޚާން އަލުން އެކީގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ހަންގާމާ އިން ބުނީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ކާތިކްގެ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ ތިން ވަނަ ބައިގެ ބަތަލާގެ ރޯލަށް ސާރާ ނަގާފައިވާ ކަމަށެވެ.

ކާތިކާއި ސާރާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު އިމްތިއާޒް އަލީ 2020 ގައި ގެނެސްދިން "ލަވް އާޖް ކަލް" އެވެ. އެ ފިލްމު ކުޅުނު ދުވަސްވަރު ދެ ތަރިން ވަރަށް ސީރީއަސް ލޯބީގެ ގުޅުމެއް ބޭއްވި އެވެ. އެކަމަކު ފިލްމު ރިލީޒްކޮށް، ފްލޮޕަކަށްވެގެން ދިޔަ އިރު، ދެ ތަރިންގެ ގުޅުން ވެސް ވީ ފްލޮޕެވެ.

ސާރާ އާއި ކާތިކް ރުޅިވި ފަހުން ކުރިން އޮތް ގާތްކަން ކެނޑުނަސް ފަހުން ދެ ތަރިންގެ މެދުގައި ގާތް ރައްޓެހިކަން އޮވެ އެވެ.

ހަންގާމާ އިން ބުނީ "ބޫލް ބުލައްޔާ 3" ގެ ބަތަލާއަކަށް ރޯލާ ސާރާ ނެގުމަށް ފަހު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން ކަމަށެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ އަނީސް ބަޒްމީ އެވެ. މި ފިލްމަކީ އަންނަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާ ގޮތަށް ޕްލޭންކޮށްފައި އޮތް ފިލްމެކެވެ.

"ބޫލް ބުލައްޔާ 3" ގެ ސާރާ ނެގިކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ފިލްމުގެ ޓީމުން ރަސްމީކޮށް އެކަން އަދި ކަށަވަރު ނުކޮށްދެ އެވެ.

މި ފަހުން އެރި އަޑުތަކަށް ބަލާ އިރު ކާތިކް ސޮއިކޮށްފައި އޮތް "އާޝިގީ 3" އަށް ގެންނަން ވާހަކަ ދެކެވުނު ބަތަލާއިންގެ ތެރޭގައ ވެސް ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ ހިމެނެ އެވެ. ސާރާގެ ކުރިއަށް އޮތް ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެންނަން އުޅޭ "އޭ ވަތަން މޭރާ ވަތަން" އެވެ.

މިދިޔަ އަހަރުގެ މެއިގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި 266.88 ކްރޯޑް ރުޕީސް (32 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި "ބޫލް ބުލައްޔާ 2" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.