Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ޖޭޕީގެ އެތެރޭގެ އިިންތިހާބު މިއަދު

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އެތެރޭގެ އިންތިހާބު މިއަދު ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެ ޕާޓީގެ އެކިއެކި މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރަން ބާއްވާ އިންތިހާބު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު 2:00 ގަ އެވެ. މި އިންތިހާބުގައި ޕާޓީގެ 11 މަގާމަކަށް ބޭފުޅުން އިންތިހާބު ކުރާނެ އެވެ.

މީގެ ތެރޭގައި ޑެޕިއުޓީ ލީޑަރާއި އަންހެނުންގެ ލީގުގެ ރައީސާއި ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމު ވެސް ހިމެނެ އެވެ.

އެންމެ ވާދަވެރިކަން ބޮޑީ ޖޭޕީގެ ނައިބު ލީޑަރުގެ މަގާމަށެވެ. އެ މަގާމަށް ހަތަރު ބޭފުޅަކު ވާދަކުރައްވަ އެވެ. އެ ބޭފުޅުންނަކީ ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ޓްރާސްޕޯޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހުގެ އިތުރުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ މަންދޫބެއްގެ ގޮތުގައި ކައުންސިލްގައި އިންނަވާ މުހައްމަދު ސައީދެވެ.

ނައިބު ލީޑަރުގެ މަގާމު ހުސްވީ ކުރިން މަގާމުގައި ހުންނެވި އިގްބާލު އާދަމް ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ފަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖޭޕީ އަކީ މި އަހަރު ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރި ޕާޓީއެކެވެ. ނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓް ގާސިމަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ލަދުވެތި ނަތީޖާއަކާ އެވެ. ގާސިމަށް ލިބިވަޑައިގަތީ 5،000 އެއްހާ ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ވަނދު ނަތީޖާ އަށް ފަހު ޖޭޕީގެ މާ ބޮޑު ހަރަކާތެއް ވެސް މިހާރަކު ނެތެވެ.