ޝާހްރުކް ޚާންގެ އާ ފިލްމު "ޑަންކީ" މި މަހު ރިލީޒްކުރުމުގެ ކުރިން އެ ފިލްމުގެ ބަތަލާ ތާޕްސީ ޕައްނޫ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
އިންޑިއާގެ މީޑިއާތަކުން އޭނަ ރާއްޖެ އައީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މި ދަތުރުގެ ފޮޓޯތަކެއް ތާޕްސީގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ނަމަވެސް، އިސްޓަގްރާމްގައި ފީޑްގައި ދަތުރުގެ އެއްވެސް ފޮޓޯއެއް އަދިއެއް ނެތެވެ. ސްޓީރޯގައި އާންމުކުރި ޕޯސްޓްތަކެއްގައި ހުނަރުވެރި ބަތަލާ ބުނީ އޭނަގެ ވަރަށް ހާއްސަ ދެ ފިލްމެއްގެ މަސައްކަތް ނިންމައިލުމަށް ފަހު، މިހާރު ހުރީ އެންމެ ގަވާޔާ ޗުއްޓީ މަންޒިލްގައި ކަމަށެވެ.

މީގެ ކުރިން ވެސް ރާއްޖެ އަށް ޒިޔާރަތްކުރި ތާޕްސީ މި ފަހަރު ޗުއްޓީ ހޭދަކުރަނީ ބޮލިފުށި ރިސޯޓްގަ އެވެ.
އޭނަގެ ޕޯސްޓްގައި ފާހަގަކޮށްފައިވާ ހާއްސަ ދެ ފިލްމަކީ މި މަހުގެ 21 ގައި ރިލީޒްކުރަން ހަމަޖެހިފައިވަ "ޑަންކީ" ގެ އިތުރުން 2021 ގެ "ހަސީން ދިލްރުބާ" ގެ ސީކްއެލް އެވެ. "ޑަންކީ" މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޝާހްރުކާ އެކީ ތާޕްސީ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ތާޕްސީ، 36، އަކީ މިހާރު ފިލްމު ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނަ ޕްރޮޑިއުސްކޮށް، ކުޅެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ އޮކްޓޯބަރުގައި ރިލީޒްކުރި ރޯޑް އެޑްވެންޗަ ޑްރާމާ "ދަކް ދަކް" އެވެ.
އިންޑިއާ އަކީ މިހާރު ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އަދި އެ ގައުމުގެ ވަރަށް ގިނަ ފިލްމީ ތަރިން މިހާރު ޗުއްޓީ އަށް ރާއްޖެ އާދެ އެވެ. މީގެ ތެރޭގައި ރިޕީޓްކޮށް އަންނަ ތަރިން ވެސް ގިނަ އެވެ.