ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ފެށި ގަތުލުއާންމާ އެކީ ޔަހޫދީ ދައުލަތަށް ވާގިދޭ އެމެރިކާ އަށް ނިސްބަތްވާ ކުންފުނިތައް ބޮއިކޮޓްކުރަން ފެށި ކެމްޕޭންގެ ސަބަބުން ސްޓާބަކްސް އަށް މި އަހަރު ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އޮކްޓޯބަރު 7 ގައި އިޒްރޭލުން ފެށި އުދުވާނާ އެކީ ބޮއިކޮޓްކުރަން ގޮވި ހުޅަނގުގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ސްޓާބަކްސް އާއި ކޮކަ ކޯލާ އާއި މެކްޑޮނަލްޑްސް އާއި ކޭއެފްސީ އަދި ނެސްލޭ ފަދަ ބްރޭންޑްތައް ހިމެނެ އެވެ.
ސްޓާބަކްސް އަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮފީ ބްރޭންޑެވެ. އަދި މީގެ އެތައް އައުޓްލެޓެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގަ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުުގައި ސްޓާބަކްސްއާ ދެކޮޅަށް ފެށި ކެމްޕޭންގެ ސަބަބުން ވިޔަފާރި އަށް ވަރަށް ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހި، ކުންފުނީގެ މާކެޓް ވެލިއު އަށް ވަރަށް ބޮޑު އަސަރެއްކޮށްފައިވެ އެވެ. އެގޮތުން ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުޖޭއެސް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ މަހުގެ 16 ގެ ފަހުން ސްޓާބަކްސްއާ ދެކޮޅަށް ފެށި ކެމްޕޭންގެ ސަބަބުން މިހާތަނަށް ލިބުނު ގެއްލުމުގެ އަދަދު 11 މިލިއަން ޑޮލަރަށް އަރަ އެވެ.

ބްލޫމްބާގް އިން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް ކުރިމަތިލާން ޖެހުނު މި މާލީ ގެއްލުމަކީ ސްޓާބަކްސްގެ މުޅި މާކެޓް ވެލިއު އަށް ބަލާ އިރު 10 ޕަސެންޓްގެ ވެއްޓުމެކެވެ. ސްޓާބަކްސްގެ އަކީ 110.28 ބިލިއަން ޑޮލަރުގެ ކުންފުންޏެކެވެ. އެތަނުގެ އައުޓްލެޓްތައް 80 އަށް ވުރެ ގިނަ ގައުމުގައި ހިންގަމުން އަންނަ އިރު، މުވައްޒަފުންގެ އަދަދު 402،000 އަށް ވުރެ ގިނަ އެވެ. އަދި އައުޓްލެޓްތަކުގެ އަދަދު 35،700 އަށް ވުރެ ގިނަ އެވެ.
ސްޓާބަކްސް އުފަންވީ މީގެ 52 އަހަރު ކުރިން 1971 ގަ އެވެ.