Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ހޮލީވުޑަށް ފިލްމެއް ހަދާކަށް ޝައުގެއް ނެތް

ހޮލީވުޑަށް ފިލްމެއް ހަދާކަށް އެއްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށާއި ބޭނުން ވަނީ އޭނަގެ މާދަރީ ބަހުން އިންޑިއާގެ ވާހަކަތައް ކިޔައި ދޭން ކަމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.

ސައުދީ އަރަބިއްޔާގައި މި ހަފުތާގައި ނިންމައިލި ތިން ވަނަ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިލްވައި ވެރައިޓީ ވެންގާޑް އެވޯޑް ވެސް ލިބުނު ޑައިރެކްޓަރު ވެރައިޓީ އަށް ދިން އިންޓަވިއުއެއްގައި ބުނީ އިންޑިއާގައި އިންޓަނޭޝަނަލް އޯޑިއަންސަށް ކިޔައި ދޭން ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށެވެ.

އެހެންވެ ޕްރޮޑިއުސަރެއް/ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ބޭނުން ވަނީ އެކަން ކުރަން ކަމަށް ދަރުމާ ޕްރޮޑަކްޝަންގެ ނަމުގައި އަމިއްލަ ސްޓޫޑިއޯއެއް ހިންގަމުން އަންނަ ކަރަން ބުންޏެވެ.

"އަހަރެންގެ ހިތް އޮތީ އިންޑިއާގައި. އަހަރެންގެ ހުރިހާ ވެސް ލޯތްބަކީ އިންޑިއާގެ ސިނަމާ. އެހެންވީމަ އަހަރެން ކިޔައި ދޭން ބޭނުން ވަނީ އިންޑިއާގެ ވާހަކަތައް. އެކަން ދޫކޮށްލާކަށް ބޭނުމެއް ނޫން،" އިންޑިއާގެ އެންމެ ނުފޫޒު ގަދަ އެއް ޑައިރެކްޓަރު ބުންޏެވެ. "އަހަރެން ކޮންމެހެން އޮސްކާ އެވޯޑެއް ހޯދާކަށް އިނގިރޭސި ފިލްމެއް ހަދާކަށް ބޭނުމެއް ނޫން. އަހަރެން ދެމިހުންނާނީ ހިންދީ ފިލްމު ހަދާ މީހެއްގެ ގޮތުގައި."

ކަރަން ބުނީ އިންޑިއާގެ ފިލްމުތަކާ ދޭތެރޭ ބައިނަލްއަގުވާމީ އޯޑިއަންސް ކުރިން ވަރަށް ނުރަނގަޅު ގޮތަކަށް ދެކެމުން އައި ކަމަށެވެ. އެގޮތުން އިންޑިއާގެ ފިލްމުތަކަކީ ހަމައެކަނި ނެށުމާއި ލަވަ ކަމަށް ދެކޭ ދެކުމަކީ އަސްލެއް ނޫން ކަމަށް ބުންޏެވެ.

"ޝައްކެއް ވެސް ނެތް އެއީ އަހަރެމެންގެ ފިލްމުތަކަށް ވަރަށް ހާއްސަ ސިފަތަކެއް. އެކަމާ އަހަރެން ފަހުރުވެރި ވެސް ވަން،" ކަރަން ބުންޏެވެ. "އެކަމަކު އިންޑިއާގެ ފިލްމުތަކަކީ ހަމައެކަނި ލަވަ އާއި ނެށުމެއް ނޫން. އެކަން މި ފަހުން ވަރަށް ބޮޑަށް ސާބިތު ވެސް ކޮށް ދީފައިވާނެ އިންޑިއާގެ ފިލްމުތަކުން."

އޭނަ ބުނި މިހާރު އެންމެ އުފާވާ ކަމަކީ އިންޑިއާގެ އެކި ބަހުރުވަތަކުން ހަދާ އެކި ޖޯންރާގެ ފިލްމުތައް، ސްޓްރީމިން ޕްލެޓްފޯމްތަކުން ވެސް ބަލައިލަން ލިބި، އިންޑިއާގެ ފިލްމުތަކާ ދޭތެރޭ ދެކެމުން އަންނަ ގޮތް ވަރަށް ބޮޑަށް ބަދަލުވަމުން ދިއުމެވެ.

ކަރަންގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރު ރިލީޒްކުރި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. މިއީ އޭނަ ޑައިރެކްޓްކުރި 7 ވަނަ ފިލްމެވެ.

ކަރަން ބުނީ ހޮލީވުޑަށް ފިލްމެއް ހަދާކަށް ޝައުގެއް ނެތަސް ބަތަލާ މެރީލް ސްޓްރީޕްއާ ބައްދަލުކުރުމަކީ ހުވަފެނެއް ކަމަށެވެ. އަދި އޭނަ ހޮލީވުޑުން ދެކޭ ހަމައެކަނި ހުވަފެނަކީ ވެސް އެއީ ކަމަށް ބުންޏެވެ.