ގާޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި މިހާރު އޮތީ ހައިހޫނުކަމުގެ ތެރޭގައި ކަމަށާއި އެ މީހުންނަށް ކާނާ ފޯރުކޮށް ދޭން ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އދ. ގެ ފުޑް ޕްރޮގްރާމުން ބުނެފި އެވެ.
ވޯލްޑް ފުޑް ޕްރޮގްރާމް (ޔޫއެންޑަބްލިއުއެފްޕީ) ޑެޕިއުޓީ ޑިރެކްޓަރު ކާލް ސްކައު ވިދާޅުވީ ގާޒާގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާ އިރު، އެތަނުގެ އާބާދީގެ ކޮންމެ 10 މީހަކުން ނުވަ މީހުންނަކީ ދުވާލަކަށް ބޭނުންވާ ކޮއްތު ނުލިބޭ މީހުން ކަމަށެވެ.
"މީގެ ސަބަބުން އާންމުންގެ ހާލަތު ވަރަށް ދަށް." އޭނަ ވިދާޅުވި އެވެ.

ކާލް ވިދާޅުވި ގޮތުގައި ގާޒާ ހަނގުރާމައެއްގެ ތެރޭގައި އޮތް އިރު، އިންސާނީ އެންމެ ބޮޑު ގޮންޖެހުމަކީ ހާލަތުގެ ގޮތުން ކާނާ ފޯރުކޮށް ދޭން ކުރަމިން އަންނަ މަސައްކަތްތަކަށް ވަރަށް ބޮޑެތި ހުުރަސްތަކަކާއި ދަތިތައް ކުރިމަތިވެފައިވުމެވެ. މީގެ ސަބަބުން ގާޒާ އަށް ކާނާ ފޯރުކޮށް ދިނުމަކީ ކުރަން "ނުކުޅެދިފައިވާ" ކަމެއް ކަމަށް ވިދާޅުވި އެވެ.
އިޒްރޭލުން ބުނަމުން ދަނީ ގާޒާގެ ހަމަލާތައް ހުއްޓާނުލާނެ ކަމަށާއި މިއީ އިޒްރޭލުގައި ދިފާއުގައި ކުރަމުންދާ މަސައްކަތެއް ކަަމަށެވެ. އެހެންވެ އަމިއްލަ ރައްޔިތުންގެ ދިފާއުގައި ކުރާ މަސައްކަތުގެ ތެރޭގައި ގާޒާގެ ރައްޔިތުންތަކެއް ޝަހީދުވެގެން ދިއުމުގައި ކުރާނެ ވަކި ކަމެއް ނެތް ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ލެފްޓިނަންޓް ކާނަލް ރިޗަޑް ހެކްޓް ބުންޏެވެ.

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން އޮކްޓޯބަރު 7 ގައި ފެށި ގަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 17،000 އާ ގާތްކޮށްފައިވާ އިރު، މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އެތައް ހާސް ބަޔަކު ޒަހަމްވެގެން އަންނަނީ ފަރުވާ ދެމުންނެވެ. ފަލަސްތީނުގެ ރައްޔިތުން މިހާރު ތިބީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ. ކާނާ އާއި ބޭސް ފަރުވާ އާއި ބޯހިޔާވަހިކަމުން އެ މީހުން ތިބީ މަހުރޫމުވެ، މަގުމަތިވެފަ އެވެ.
މި ހާލަތުގައި އިޒްރޭލުން ދަނީ ވަޔާއި އެއްގަމު މަގުން ވެސް ކޮންމެ ދުވަހަކު އެތައް ހަމަލާއެއްދީ، އެތައް ބައެއްގެ ފުރާނަ ދުއްވައިލަމުންނެވެ.