ފިރިމީހާ އަކީ އިންޑިއާގެ ސިޔާސީ ދާއިރާގައި އުޅޭ މީހަކަށް ވިޔަސް އެ ދާއިރާ އަށް ނުވަންނާނެ ކަމަށް ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.
އޭނަގެ ފިރިމީހާ ރާގަވް ޗައްޑާ އަކީ އިންޑިއާގެ މަޝްހޫރު ސިޔާސީ ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ އާޕް) ގެ ލީޑަރެކެވެ. އަދި ރާގަވް އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގެ މެންބަރެކެވެ. ޕަރިނީތީ އާއި ރާގަވް ކައިވެނިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ޕަރިނީތީ ބުނީ ފިރިމީހާ އުޅޭ ދާއިރާ އަށް އޭނަ ކޮންމެހެން ވަންނަން ނުޖެހޭ ކަމަށެވެ. އަދި ސިޔާސީ ދާއިރާ އިން ދުވަހަކު ވެސް ނުފެންނާނެ ކަމަށް 35 އަހަރުގެ ބަތަލާ ބުންޏެވެ. އިންޓަވިއުއެއްގައި ސަމާސާއަކަށް ހަދާފައި ޕަރިނީތީ ބުނީ އޭނަ އާއި ރާގަވް ކައިވެނީގެ ގުޅުމުގެ ބަދަހިކަމުގެ ސިއްރަކީ އެކަކު އަނެކަކު މަސައްކަތް ކުރާ ދާއިރާއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގުން ކަމަށެވެ.
"ރާގަވް އަކީ ފިލްމީ ދާއިރާގެ އެއްވެސް ކަމެއް އެނގޭ މީހެއް ނޫން. ހަމަ އެގޮތަށް އަހަންނަކީ ސިޔާސީ ދާއިރާ އަށް ފަރިތަ މީހެއް ވެސް ނޫން،" މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި ޕަރިނީތީ ބުންޏެވެ. "އެކަމަކު އަހަރެން އެންމެ އުފާވާ ކަމަކީ އަހަރެން އެންމެ ބޭނުންވި ކަހަލަ މީހަކާ ކައިވެނިކުރީމަ. އެ އުފާވެރި އިހުސާސްތައް ވަރަށް ހިތްގައިމު."
ދެހާސް އެގާރައިގައި ބޮލީވުޑަށް ނުކުތް ޕަރިނީތީގެ އެންމެ ފަހުގެ ފިލްމަކީ އޮކްޓޯބަރުގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "މިޝަން ރަޖްނީގަންޖު" އެވެ. އަދި އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ކުރީކޮޅު ޑައިރެކްޓަރު އިމްތިއާޒް އަލީ ގެނެސްދޭން ހަމަޖެހިފައިވާ "ޗަމްކީލާ" އެވެ.