Last Updated: July 14, 13:49
Wednesday, July 15, 2026
ކުޅިވަރު

ބާސާ ބަލިކޮށް ޖިރޯނާ އެކަކަށް

ބާސެލޯނާ 4-2 އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނަ އަށް ޖިރޯނާ އަރައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޖިރޯނާ އޮތީ 16 މެޗުން ލިބުނު 41 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 39 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް އޮތްއިރު ތިންވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް އަދި ހަތަރުވަނައިގައި އޮތް ބާސާ އަށް ލިބިފައިވަނީ 34 ޕޮއިންޓެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނެޓްގައި އާޓެމް ޑޮވްބީކް ވަނީ ޖިރޯނާ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް އޭގެ 7 މިނެޓްފަހުން ރޮބަޓް ލެވެންޑޯސްކީގެ ގޯލުން ބާސާ ނަތީޖާ އެއްވަރުކުރި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މިގޭލް ގުޓިއެރޭޒް ވަނީ ޖިރޯނާ އަށް އަލުން ލީޑު ނަގައި ދީފަ އެވެ.

ޖިރޯނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 80 ވަނަ މިނެޓްގައި ވެލެރީ ފެނާންޑޭޒް ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށް ދީފަ އެވެ. މެޗުގެ 90 ވަނަ މިނެޓްގައި އިލްކާއި ގުންޑޮގާންގެ ގޯލުން ބާސާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ފަހު ވަގުތުކޮޅުތެރޭ ކްރިސްޓިއަން ސްޓުއާނީ ވަނީ ޖިރޯނާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށް ދީ އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށް ދީފަ އެވެ.

މި ސީޒަނުގައި ގިނަ ބަޔަކު ސިއްސުވާލަމުންދާ ޖިރޯނާ އިން ވަނީ ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން 13 މެޗުން މޮޅުވެފަ އެވެ. އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ.