Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ޝާހްރުކްގެ ސިގްނޭޗާ ސްޓައިލްގެ ލަވައެއް

މި މަހުގެ ފަހުކޮޅު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ" ގެ ޕްރޮމޯޝަނަލް ލަވައެއް އޭނަގެ ސިގްނޭޗާ ސްޓައިލްގައި ގެނެސްދޭން ނިންމައި، އެ ލަވައިގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.

"އޯ މާހީ" ގެ ނަން ދީފައިވާ މި ލަވައިގައި ފެންނަނީ ޝާހްރުކް ސަހަރާއެއްގެ ތެރޭގައި އުޅޭ ތަނެވެ. މި ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގެވެ. ލަވައިގެ ޓީޒާ ސޯޝަލް މީޑިއާގައި ހިއްސާކޮށް ޝާހްރުކް ބުނީ ލަވަ ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ. އެ ޕޯސްޓްގައި އޭނަ ވަނީ "ޑަންކީ" ގެ މާނަ އަކީ ކޮބައިތޯ ވަރަށް ގިނަ ބަޔަކު އަހާތީ އޭގެ ޖަވާބު ވެސް ހިއްސާކޮށްފަ އެވެ.

ޝާހްރުކް ބުނި ގޮތުގައި "ޑަންކީ" ގެ މާނަ އަކީ ލޯބިވާ މީހުންނާ ދުރުގައި އުޅެން ޖެހުން ކަމަށެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ހިޖުރަކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ކޮމެޑީ ޑްރާމާއެކެވެ. މި މަހުގެ 21 ގައި "ޑަންކީ" ސިނަމާތަކަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، މީގެ ބަތަލާ ތާޕްސީ ޕައްނޫ މި ވަގުތު ހުރީ ޗުއްޓީ އަށް ރާއްޖޭގަ އެވެ.

މިއީ މި އަހަރު ރިލީޒްވާ ޝާހްރުކްގެ ތިން ވަނަ ފިލްމެވެ. ޖެނުއަރީގައި ގެނެސްދިން "ޕަތާން" އާއި ސެޕްޓެމްބަރުގައި ގެނެސްދިން "ޖަވާން" އަކީ މި އަހަރުގެ އެންމެ ބޮޑެތި ހިޓްތަކެވެ. އެ ދެ ފިލްމަކީ ވެސް އެކްޝަން ތުރިލާ އެވެ.