ގްރޭޑް 10 އިން މަތީގެ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ދޭން އިސްލާމިކް މިނިސްޓްރީން ނިންމުމަށް ފަހު، އެކަމަށް ޝައުގުވެރިވާ ދަރިވަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީން މިއަދު ބުނީ މި ފުރުސަތު ދޭން ހަމަޖެހިފައި ވަނީ ގްރޭޑް 10، 11 އަދި 12 ގައި ކިޔަވަމުން އަންނަ ނުވަތަ ކިޔެވުން ނިންމާފައިވާ ދަރިވަރުންނަށް ކަމަށެވެ. އެހެންވެ އިމާމުވެ ހުކުރު ކުރަން ޝައުގުވެރިވާ ދަރިވަރުންނަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ 29 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިކަމަށް އެދި ހުށަހަޅާ އިރު، އައީޑީ ކާޑުގެ ކޮޕީއަކާއި ތައުލީމީ ސެޓްފިކެޓްތަުގެ ކޮޕީ އާއި ޤުރުއާން މުބާރާތަކުން ވަނައެއް ލިބިފައިވާ ނަމަ އެކަމުގެ ސެޓްފިކެޓާއި ސްކޫލެއްގައި އުޅޭ ނަމަ އެކަމުގެ ލިޔުމާއި 18 އަހަރު ނުފުރޭ ދަރިވަރެއް ނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސާނަވީ ފެންވަރުގެ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭން ނިންމީ އިމާމުންނާއި ޚަތީބުންގެ ޒުވާން ޖީލެއް ބިނާކުރަން މަގުފަހި ކުރުމުގެ ގޮތުންނެވެ. އެގޮތުން މި ފުރުސަތު ދިނުމުގައި ތަޖުވީދުގެ މަގަށް ރީތިކޮށް، ޤުރުއާން ކިޔަވައި ނަމާދުގެ ފިގުހު ބައިތަކަށް އަހުލުވެރި ދަރިވަރުންނަށް އިސްކަން ދޭނެ އެވެ.