Last Updated: May 2, 18:04
Thursday, May 2, 2024
ޚަބަރު

ކޮތަޅު ޓެކްސް ކުޑަކުރަން މިނިސްޓަރު ދެކޮޅު

އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރަން ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުން އަންނަ 2ރ. ގެ ޓެކްސް ކުޑަކުރަން ތާއީދުނުކުރައްވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި، 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް 2ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. މީގެ ސަބަބުން އާންމުންނަށް ބުރަ ބޮޑުވުމުގެ ސަބަބުން ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ވަނީ އިސްލާހެއް ވެސް ހުށަހަޅާފަ އެވެ. އެ އިސްލާހުގައި ވަނީ ކޮތަޅުން ނަގާ ޓެކްސް 50 ލާރި އަށް ކުޑަކުރުމަށް ހުށަހަޅާފަ އެވެ.

އިސްލާހާއި ގުޅޭގޮތުން ޚިޔާލު ހޯދުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ވަނީ ވިޔަފާރިވެރިންގެ އަތުން ދެ ފަހަރަށް ކޮތަޅަށް ޓެކްސް ދައްކަން ޖެހޭ މައްސަލަ ހައްލުކުރެވޭނެ ގޮތްތަކާއި އަދި ކޮތަޅަކީ ޓެކްސް ނުނަގާބާވަތެއްގެ ގޮތުގައި ހަމަޖެއްސުމަށް މަޝްވަރާކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ކޮތަޅު ޓެކްސްއާ ގުޅޭގޮތުން މިނިސްޓްރީގެ ތެރޭގައި މަޝްވަރާ ކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އަމިއްލަފުޅު ހިޔާލު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޕްލާސްޓިކް މަދުކުރާ ކަމަށްވާނަމަ މަގުސަދު ހާސިލުވާނީ މިހާރު އޮތް ގޮތަށް އަގަށް ބަދަލެއް ނުގެނެސް ކުރިއަށް ގޮސްގެން ކަމަށެވެ.

"ޕްލާސްޓިކް މަދުކުރާ ކަމަށްވާނަމަ، މިއީ ދެން އަޅުގަނޑުގެ އަމިއްލަ ހިޔާލެއް، ދެ ރުފިޔާ ނަގައިގެން މެނޭޖުކުރަން ފަސޭހަވާނީ. 50 ލާރި ނަގައިފިއްޔާ މުޅި އެތީގެ ނިޒާމު މެނޭޖު ކުރަން ތަންކޮޅެއް އުނދަގޫވެދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ވެސް ވަނީ ކޮތަޅު ޓެކްސް ކުޑަކުރުމަކީ ތިމާވެއްޓާއި ގުޅޭ ސިޔާސަތުތައް ހާސިލުވާނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

ރާއްޖޭގައި ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެންނެވެ.