Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

މިސްކިތް އަޅަން ބޭނުން ވިޔަފާރިވެރިންނަށް އެހީވަނީ

ހިތަދޫގައި އަމިއްލަ ފަރާތަކުން މިދިޔަ ރޯދަ މަހު ހުޅުވި މިސްކިތް. ފޮޓޯ/ ސިޓީ އޮފް އައްޑޫ

ވިޔަފާރިވެރިންގެ ތެރެއިން މިސްކިތް އެޅުމަށް ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ ފަރާތުން އެހީވުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކޮށް ވިދާޅުވީ، ވިޔަފާރިވެރިންގެ ތެރެއިން ނުވަތަ ގިނަ ބަޔަކު އެކުވެގެން މިސްކިތެއް އަޅަން ބޭނުން ވެއްޖެ ނަމަ، ބިން ހަމަޖައްސައި ދިނުމާއި އެ ނޫން އިދާރީ ފަސޭހަތައް ހަމަޖައްސައި ދިނުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އަދި ރަށްތަކާއި އަތޮޅުތަކުގައި މިސްކިތް އަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.


މިގޮތަށް މިކަން ހުޅުވާލާކަން އިއުލާން ކުރިނަމަވެސް އަދި މިކަމުގެ ވަކި އުސޫލެއް މިނިސްޓްރީން އާންމު ނުކުރެއެވެ.

އިސްލާމިކް މިނިސްޓްރީން ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކަށް އެހީވުމަށް ނިންމާފައިވާއިރު، މީގެ ކުރިންވެސް މިސްކިތް އަޅަން ބޭނުންވާ ފަރާތްތަކަށް މިސްކިތް އެޅުމަށް ފުރުސަތު އޮވެއެވެ. ނަމަވެސް މިނިސްޓްރީގެ މި ނިންމުމާއެކު އެކަންކަމުގައި ހުރި އިދާރީ ގޮންޖެހުންތައް ހައްލުވެ، މިސްކިތް އެޅުމުގެ ކަންކަމަށް މިނިސްޓްރީގެ އެހީތެރިކަން ލިބިގެން ދާނެއެވެ.