އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ނައިޖީރިއާގެ ފޯވާޑް ވިކްޓާ އޮސިމެން އަށް ފުރަތަމަ ފަހަރަށް ލިބިއްޖެ އެވެ.
މޮރޮކޯގެ މަރަކޭޝްގައި ރޭ އޮތް އެފްރިކާ ކޮންފެޑަރޭޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމުގެ ރަސްމިއްޔާތުގައި، އޮސިމެން މި މަގާމަށް ހޮވުނީ ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް އަދި ޕީއެސްޖީ އަށް ކުޅޭ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީއާ ވާދަކޮށްގެނެވެ.
މިއީ 1999 ވަނަ އަހަރަށް ފަހު ނައިޖީރިއާގެ ކުޅުންތެރިއާގެ މި މަގާމު ހާސިލުކުރި ފުރަތަމަ ފަހަރެވެ.
އޮސިމެން ،24، އަކީ މިދިޔަ ސީޒަނުގައި ނަޕޯލީ އަށް އިޓާލިއަން ލީގު ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއާ އެވެ. އެގޮތުން އޮސިމެން ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 32 މެޗުގައި 26 ގޯލު ކާމިޔާބުކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު ބެލޮންޑިއޯ އެވޯޑުގެ ގަދަ 10 އެއްގައި ވެސް އޮސިމެން ވަނީ ހިމެނިފަ އެވެ. މިއީ ނައިޖީރިއާގެ ކުޅުންތެރިއަކަށް މި ޝަރަފު ލިބުނު ފުރަތަމަ ފަހަރެވެ.