Last Updated: July 14, 13:49
Wednesday, July 15, 2026
ކުޅިވަރު

އަންނަ އަހަރު ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއް

ލިއޮނެލް މެސީ ކުޅޭ އެމެރިކާގެ އިންޓަ މަޔާމީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރުން އެކުވެރިކަމުގެ މެޗެއް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޓަ މަޔާމީން ވަނީ އެ ކްލަބުގެ އިންޓަނޭޝަނަލް ޕްރީ ސީޒަން ޓުއާގެ ތެރެއިން ސައުދީގައި ބާއްވާ "ރިޔާދް ސީޒަން ކަޕް"ގައި ބައިވެރިވާން ނިންމާފަ އެވެ. އެގޮތުން ރިޔާދް ސީޒަން ކަޕްގައި އިންޓަ މަޔާމީ ފުރަތަމަ ކުޅޭނީ އަލް ހިލާލްއާ އެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ 29 ގަ އެވެ. އަދި ރޮނާލްޑޯ ކުޅޭ އަލް ނަސްރާއި ދެކޮޅަށް އިންޓަ މަޔާމީ ނިކުންނާނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި މެސީ އާއި ރޮނާލްޑޯގެ ގިނަ ކުރިމަތިލުންތަކެއް ފެނިގެން ގޮސްފައިވާއިރު، މި ވާދަވެރިކަން އެންމެ ބޮޑުވެގެން ދިޔައީ މި ދެ ކުޅުންތެރިން ވެސް ސްޕެއިންގައި ކުޅުނުއިރު އެވެ. ރެއާލް މެޑްރިޑަށް ރޮނާލްޑޯ ކުޅުނުއިރު، މެސީ ހުރީ ބާސެލޯނާގަ އެވެ. އަދި ފަހުން ރޮނާލްޑޯ ޔުވެންޓަސްގައި ހުރެ ވެސް މެސީގެ ބާސެލޯނާއާ ދެކޮޅަށް ވަނީ ކުޅެފަ އެވެ.

މީގެއިތުރުން ސައުދީ ލީގަށް ރޮނާލްޑޯ ބަދަލުވިފަހުން ވެސް މެސީއާ ދެކޮޅަށް ވަނީ މެޗެއް ކުޅެފަ އެވެ. އޭރު މެސީ ކުޅެމުން ދިޔައީ ފްރާންސްގެ ޕީއެސްޖީ އަށެވެ.