މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އައްޑު އަށް އޭޓީއެމްގެ ޚިދުމަތް މިއަދު ތައާރަފުކޮށްފި އެވެ.
އޭޓީއެމްގެ ޙިދުމަތް ފައްޓަވައި ދެއްވީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުޙައްމަދް ޔަސްރިފެވެ.
އެމްއައިބީގެ އޭޓީއެމް މިހާރު ބަހައްޓާފައި ހުރީ ހިތަދޫގައި ހުންނަ އެ ބޭންކް ބްރާންޗްގަ އެވެ.
ނަމަވެސް އިތުރު އޭޓީއެމް ތައް އައްޑޫގެ އެކި ސަރަހައްދުތަކުގައި ބަހައްޓާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ރާއްޖޭގައި ހިންގާ އެހެން ބޭންކްތަކުގެ ކާޑުތަކާ ޚިލާފަށް އެމްއައިބީގެ އޭޓީއެމް ތަކުގައި ބޭނުންކުރާ "ފައިސާ ކާޑު" ގައި އެ މީހަކު ބޭނުންވާ ޕިންއެއް ބޭނުން ކުރުމުގެ އިޚުތިޔާރު ކަސްޓަމަރަށް ލިބެ އެވެ. އަދި އޭޓީއެމް މެދުވެރިކޮށް ބޭނުން ކޮންމެ ފަހަރަކު ޕިން ނަންބަރު ބަދަލު ކުރެވެ އެވެ.

އެމްއައިބީ އައްޑޫ ބްރާންޗް ހުޅުވައިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް ވެސް ބޭންކުން ވަނީ ހާމަކޮށްފަ އެވެ.
އެމްއައިބީ އައްޑޫ ބްރާންޗް ހުޅުވީ މާޗް 25، 2014 ގަ އެވެ.