Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ފިލްމު ކުޅުންވީ މައިންބަފައިންނަށް ޝޮކަކަށް!

ކެރިއަރެއްގެ ގޮތުގައި އެކްޓިން އިހުތިޔާރު ކުރުންވީ މައިންބަފައިންނަށް ލިބުނު ވަރަށް ބޮޑު ޝޮކަކަށް ކަމަށާއި އެކަމަކު އެ ނިންމުމާ ދޭތެރޭ އެ މީހުން އުފާވާ ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ޓްރިޕްތީ ދިމްރީ ބުނެފި އެވެ.

ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ރަންބީރް ކަޕޫރްގެ ފިލްމު "އެނިމަލް" ގައި ކުޅުނު "ބޯލްޑް" ސަޕޯޓިން ރޯލާ ގުޅިގެން މިހާރު ބޮޑު މަޝްހޫރު ކަމެއް ލިބިފައިވާ 29 އަހަރުގެ ބަތަލާ އީ-ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަ އަކީ ކުރިން ވަރަށް އެކަހަރިކޮށް، ހިޔާލީ ދުނިޔެއްގައި އުޅުނު މީހެއް ކަމަށެވެ.

"ވަރަށް ބަސްމީދު މީހެއް އަހަންނަކީ. ބޮޑުވަމުން އައި އިރު ވަރަށް އެކަހެރިކޮށް، އަމިއްލަ ހިޔާލީ ދުނިޔެއެއްގައި އަހަރެން އުޅުނީ،" އުތުރާކަންދަށް އުފަން ޓްރިޕްތީ ބުންޏެވެ. "ސްކޫލްގައި ކިޔެވި އިރު ވެސް ވަރަށް ބަސް މަދުވާނެ. އަދި ގިނަ ކުދިންނާ ވަރަށް ދުރުދުރުން އުޅުނު މީހެއް އަހަންނަކީ. ޓީޗަރުންނަށް ވެސް ވަރަށް ފިލަފިލައިގެން އަހަރެން އުޅުނީ."

މިހާރު ވަރަށް އުންމީދީ ބަތަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރީތި އަދި އެހާމެ ހުނަރުވެރި ބަތަލާ ބުނީ އޭނަ އަކީ ކުރިން އެއްވެސް ވަރަކަށް މީހުންގެ ސަމާލުކަން ވެސް ހޯދަން ބޭނުންވި މީހެއް ނޫން ކަމަށެވެ.

"ދެން އެކަހަލަ ގޮތަކަށް ބޮޑުވި މީހަކު އެތައް ބައެއްގެ ކުރިމަތީގައި އެކްޓްކުރަން، ފިލްމު ކުޅެން ނިންމީ، މަބައިންބަފައިންނަށްވީ ވަރަށް ބޮޑު ޝޮކަކަށް،" ފިލްމު އެންޓް ޓެލެވިޝަން އިންސްޓިޓިއުޓް އޮފް އިންންޑިއާ އިން އެކްޓިން އެކްޓިން ޓްރެއިނިން ހޯދި ޓްރިޕްތީ ބުންޏެވެ. "އެހެންވެ މިކަން އަހަންނަށް ކުރެވިދާނެކަމާ ދޭތެރޭ އެ މީހުން ވަރަށް ސުވާލު ވެސް އުފެއްދި. ސަބަބަކީ އެހާ އެކަހަރިކޮށް އުޅުނު މީހަކު އެތައް ބައެއްގެ ކުރިމައްޗަށް ނުކުންނަން ނިންމީމަ."

އޭނަ ބުނި ގޮތުގައި އެ ނިންމުމާ މެދު މައިންބަފައިން މިހާރު އުފާކުރެ އެވެ. އަދި ކުރިއަށް ދާން މިހާރު ވަރަށް ބޮޑު ހިތްވަރެއް ވެސް ދެ އެވެ.

ޓްރިޕްތީގެ ފުރަތަމަ ފިލްމަކީ ކުރީގެ ބަތަލާ ސްރީދޭވީގެ 2017 ގެ "މޮމް" އެވެ. އޭގެ ފަހުން އެ އަހަރު ބޮބީ ޑިއޯލްގެ "ޕޯސްޓަ ބޯއި" ގެ އިތުރުން 2018 ގެ "ލައިލާ މަޖުނޫ" ޓްރިޕްތީ ކުޅުނެވެ. ނަމަވެސް އޭނަ އަށް ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ ނެޓްފްލިކްސް އިން 2020 ގައި ގެނެސްދިން ބިރުވެރި ފިލްމު "ބުލްބުލް" އިންނެވެ. އަދި މިދިޔަ އަހަރު ރޮލީޒްކުރި "ގަލާ" ގައި ވެސް ޓްރިޕްތީ މޮޅު އެކްޓިންއެއް ދައްކާފައިވެ އެވެ.

އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވިކީ ކޯޝަލާ އެކީ ކުޅެފައިވާ "މޭރޭ މެހެބޫބް މޭރޭ ސަނަމް" އާއި ރާޖްކުމާރު ރާއޯއާ އެކީ ކުޅޭ "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ހިމެނެ އެވެ.

ޓްރިޕްތީ އަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނާއި ކޯސްޓޯން ގުޅިގެން އުފައްދާފައިވާ ޓެލެންޓް މެނޭޖްމަންޓް އެޖެންސީ، ދަރުމާ ކޯންސްޓޯން އެޖެންސީން ކެރިއަރު މެނޭޖްކޮށްދޭ ބަތަލާއެކެވެ.

"އެނިމަލް" ގައި ކުޅުނު ރޯލާ ގުޅިގެން އިންޑިއާގެ މީޑިއާތަކުން މިހާރު ޓްރިޕްތީ ސިފަކުރަނީ "ނެޝަނަލް ކްރަޝްއެއް" ގެ ގޮތުގަ އެެވެ.