Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ޕޮލިސް ޖިނާހް ވަޒީފާ އިން ވަކިކޮށްފި

މުހައްމަދު ޖިނާހު: ވަޒީފާ އިން ވަކިކުރީ ޗީފް ސުޕްރިންޓެންޑެންޓެއްގެ ރޭންކުން ސުޕްރިޓެންޑެންޓެއްގެ ރޭންކަށް ޑީމޯޓުކުރުމަށް ފަހު -- ހަވީރު ފައިލް ފޮޓޯ

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ސ. މަރަދޫ މުހައްމަދު ޖިނާހު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފި އެވެ.

ޖިނާހު ވަޒީފާ އިން ވަކިކޮށްފައިވާކަން ފުލުސް އޮފީހުން އަންގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ފޯނުން ކަމަށް އޭނާ އެހެން މީޑިއާއެއްގައި ވިދާޅުވި އެވެ. އަދި ވަޒީފާ އިން ވަކި ކުރި ކަމުގެ ރަސްމީ ލިޔުމެއް އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖިނާހު ވަޒީފާ އިން ވަކިކޮށްފައިވާކަން އޭނާ އަށް އަންގާފައި މި ވަނީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ދިރާސާ ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު ސާފުކުރަން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް އޭނާ ހާޒިރުކުރުމުގެ އެއް ދުވަސް ކުރިންނެވެ.

ވަޒީފާ އިން ވަކި ކުރިކަން އަންގާފައިވާ އިރު މިދިޔަ ނޮވެމްބަރު މަހު ވަޒީފާ އިން ވަކި ވުމަށް ވެސް ފުލުސް އޮފީހަށް ޖިނާހް ހުށަހަޅުއްވާފައިވެ އެވެ. ނަމަވެސް އޭރު ފުލުހުން ބުނީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ނުވަނީ އޭނާ އާ ގުޅޭ ކަންތައްތަކެއް ބަލަމުންދާތީ އެވެ.

ފުލުހުންގެ ވަޒީފާއިން ޖިނާހު ވަކި ކުރި އިރު، ޗީފް ސުޕްރިންޓެންޑެންޓެއްގެ ރޭންކުން ސުޕްރިޓެންޑެންޓެއްގެ ރޭންކަށް އޭނާ ވަނީ ޑީމޯޓް ވެސް ކޮށްފަ އެވެ.
އެ ގޮތަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައި ވަނީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ޣައްސާން ތަހުގީގުގައި ނުދައްކާ ވާހަކަތަކެއް ޖިނާހު މީޑިއާގައި ހާމަކޮށްފައިވާ ކަމަށް ބެލެވިގެން ކަމަށް ފުލުހުން ބުންޏެވެ.