އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓަކަށް އިންޒާރުގެ މެސެޖްތަކެއް ފޮނުވި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށް، އޭނަގެ މައްޗަށް ދައުވާކޮށްފި އެވެ.
މީޑިއާތަކުން ބުނީ އިންޒާރު ދީފައި ވަނީ ރިޕަބްލިކަން ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ރާމަސުވާމީ އަށް ކަމަށެވެ. އޭނަ އަށް އިންޒާދިން މައްސަލައިގައި ހައްޔަކުރީ ނިއު ހެމްޝަޔާ އަށް ނިސްބަތްވާ ޓައިލާ އެންޑަސަން ކިޔާ 30 އަހަރުގެ މީހެކެވެ.
އޭނަ ވިވެކްގެ ކެމްޕޭން ޓީމަށް އިންޒާރުގެ މެސެޖެއް ފޮނުވީ އިއްޔެ، ނިއު ހެމްޝެއާގައި ކެމްޕޭން އިވެންޓެއް ވެސް ބާއްވަން ރޭވުމުމާ ގުޅިގެން މި މަހުގެ 8 ގަ އެވެ. އެ މެސެޖްގައި ބުނެފައި ވަނީ "މިއީ ސިކުނޑިއެއް ގޮއްވައިލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް" ކަމަށާއި "އެ ކެމްޕޭން އިވެންޓަށް ދާ އެންމެންގެ ދުވަސް ވެސް ދުއްވައިލާނެ" ކަމަށެވެ.
މި މައްސަލާގައި އެންޑަސަން ހައްޔަރުކުރީ 9 ވަނަ ދުވަހު އޭނަގެ ގެއިންނެވެ. އަދި އޭނަގެ މައްޗަށް އުފުލާފައި ވަނީ އަމާންކަން ނަގާލަން އުޅުމުގެ ދައުވާ އެވެ.
މިކަމާ ގުޅޭ ގޮތުން އެ ޑިސްޓްރިކްޓް އެޓާނީ ޖެނެރަލް ޖޭން އީ ޔަންގް އިއްޔެ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކަށް އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރުކޮށް ދައުވާކޮށްފައިވާ އިރު، މިފަދަ މައްސަލަތައް އިތުރުވަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އިންޒާރު ލިބުނު ކެންޑިޑޭޓަކީ ވިވެކް ކަމަށް އޭޖީ ސީދާ ވިދާޅެއް ނުވެ އެވެ.
ނަމަވެސް ވިވެކް ތަރުޖަމާނު ޓްރިޝިއާ މެކޯލިން ވަނީ އޭނަ އަށް އިންޒާރުތަކެއް ދިންކަން ކަށަވަރުކޮށް ދެއްވައިފަ އެވެ.
އެންޑަސަންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމަކާ އެކީ 250،000 ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ އެވެ.