Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ބަންކަރިން ޕްރޮޖެކްޓް ރިވިއު ކުރަނީ

އިވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދޭން ކުރިއަށް ގެންދަން ކުރީގެ ސަރުކާރުން ނިންމާފައި އޮތް ޕްރޮޖެކްޓާ ގުޅޭ އެއްބަސްވުން ރިވިއުކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ބަންކަރިން ހިދުމަތް ދޭން އެސްޓީއޯ އާއި ގަތަރުގެ ކުންފުންޏަކާ ހަދާފައި އޮތް އެއްބަސްވުން އަދި ކުރިއަށްދާ ކަމަށެވެ.

"އެ އެމްއޯޔޫގައި ސޮއިކުރީ އެސްޓީއޯއާ އެކު. އެއްވެސް މަސައްކަތެއް ހުއްޓާލާފައެއް ނުވާނެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވާ ގޮތަކީ ކޮބައިތޯ، އޭގައި އަދި ސަރުކާރުން ގޮތެއް ނުނިންމާ،" ސައީދު ވިދާޅުވި އެވެ. "އެމްއޯޔޫ ހަމަ އެކްޓިވް ކަމަށް މައުލޫމާތު ލިބިފައި އޮތީ.".

އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް އެސްޓީއޯ އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ 10 ގަ އެވެ. އެ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ ޕޯޓް ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހަދަން ނިންމާފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ޕްރޮޖެކްޓް ކުރިއަށްދާނެ ގޮތެއް ބަލަން އެމްއޯޔޫ ރިވިއު ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުގައި، ބަންކަރިން ހިދުމަތްތަކާއި އެ ސަރަހައްދުގެ ބޯޓުތަކަށް ބޭނުންވާ އިތުުރު ހިދުމަތްތައް ދިނުމަކީ މި ސަރުކާރުގެ ވެސް ވިސްނުމެއް ކަމަށެވެ.

އެހެންވެ އެއްބަސްވެފައި އޮތީ ބަންކަރިން ހިދުމަތް ދިނުމަށްޓަކައި އެކަން ކުރެވިދާނެތޯ ބެލުމުގެ އެއްބަސްވުމެއް ކަމަށް ވިދާޅުވި އެވެ.