Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

އަލަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެނެއް

ރާއްޖޭގައި އަލަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ މަގާމަށް އައްޔަންކުރެއްވީ ފާޠިމަތު އިނާޔާ އެވެ. އެ ކަމަނާ އަށް މަގާމުގެ ފަތްކޮޅު ދެއްވީ އެކަމަށްޓަކައި ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ޢިނާޔާ އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓަރުގެ ނައިބުގެ މަގާމުގަ އެވެ. އޭނަ ފޮރިން ސެކްރެޓަރީގެ މަގާމަށް ޢައްޔަނުކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު ޢައްޔަންކުރި ފުރަތަމަ ފަހަރެވެ.

އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައި ދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.