Last Updated: May 1, 20:45
Thursday, May 2, 2024
ޚަބަރު

އިއާދަކުރަނިވި ހަކަތަ ކުރިއަރުވަން ބޮޑު މަޝްރޫއެއް

ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިގެން 75.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭޑީބީ ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ސިންޑީ މަލްވަޗީނީ އެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް ޑޮކްޓަރ މުޙައްމަދު ޝަފީޤެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި އެގްރީމަންޓުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވަނީ 'އެކްސަލަރޭޓިންގ ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ' (އެޝުއަރ) ޕްރޮޖެކްޓެއް ކަމަށެވެ.

މި ޕްރޮޖެކްޓުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ޕަވަރ ޕާރޗޭސިންގ އެގްރީމެންޓު އުސޫލުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކެއް ގާއިމުކުރެވޭނެ ކަމަށެވެ. އަދި މި ނިޒާމުތަކަށް ޤާއިމުކުރެވޭ ރަށްރަށުގެ ގްރިޑް ސްޓެބިލިޓީ ހަރުދަނާކުރުމަށް 44 މެގަވޮޓްއަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމާއި މިރަށްރަށުގު ކަރަންޓު ވިއުގައިގެ ޙާލަތު ރަނގަޅުކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން އެއް ރަށެއްގައި ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމާއި އިތުރު ރަށެއްގައި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޕައިލެޓްކުރުން ވެސް ހިމެނެ އެވެ. އަދި މިޕްރޮޖެކްޓުގެ ދަށުން 'މަގޭ ސޯލަރ ޕްރޮގްރާމު' ގެ ފުރަތަމަ ފިޔަވަހީގެ ތިން މެގަވޮޓު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް ޚަރަދުކުރުމާއި އިރުގެ އަލި ބޭނުންކޮށްގެން ކަރަންޓު އުފައްދައި އެކަރަންޓުގެ އެހީގައި ހިންގާ ގޮތަށް އެއް ރަށުގައި ކޮމިއުނިޓީ އިރިގޭޝަން ސިސްޓަމަކާއި ކޮމިއުނިޓީ ފާމިން ޑިވެލޮޕްމަންޓް ޕްރޮގަރާމެއް ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮޖެކްޓުތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 10 މިލިއަން ލީޓަރުގެ ޑީސަލު ސަލާމަތްކުރެވި އޭގެ ސަބަބުން އަހަރަކު 26 ހާސް ޓަނުގެ ވިހަ ގޭސް ޖައްވަށް ބޭރުކުރުން މަދުކުރެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރެ އެވެ.