އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝައުނާ ގޯތަމް ހަދަން ތައްޔާރުވަމުން އަންނަ ފިލްމުގެ ލީޑް ރޯލު ކުޅޭނީ އިބްރާހީމް އަލީ ޚާނާއި ހުޝީ ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ހަދަން ނިންމާފައިވާ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ، ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިންމަންޓުން، ސްޓްރީމުން ޕްލެޓްފޯމަކަށް ހަދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. މި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ތެރޭގައި ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ޝައުނާ އަކީ ކަރަން މި އަހަރު ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެސޯސިއޭޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ.
އޭނަ ވަނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ 2018 ގެ "ސަންޖޫ" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. ފާހަގޮށްލަން ޖެހޭ ކަމަކީ ޝައުނާގެ އަލަތުގެ ޑައިރެކްޝަންގެ ބަތަލަކަށް އިބްރާހީމް ނެގި އިރު، އޭނަ އަކީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެއްކަމެވެ.
އިބްރާހީމަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދަރިއެކެވެ. އޭނަގެ ފުރަތަމަ ފިލްމަކީ އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ސަރްޒަމީން" އެވެ. ކާސްޓްގައި ކާޖޮލް އާއި ޕްރިތުވީރާޖް ސުކްމަރަން ވެސް ހިމެނޭ މި ފިލްމަކީ ދަރުމާ އިން ޕްރޮޑިއުސްކޮށް، ކެޔޯޒް އިރާނީ ޑައިރެކްޓްކުރާ އެއްޗެކެވެ.
އިބްރާހީމް ވަނީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ "ޑިލަރު" އަށް ވެސް ސޮއިކޮށްފަ އެވެ.
ހުޝީ އަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅެވެ. އޭނަގެ ފުރަތަމަ ފިލްމަކީ މި މަހުގެ 7 ގައި ނެޓްފްލިކްސް އިިން ޕްރީމިއާކުރި "ދި އާޗީސް" އެވެ.
އިބްރާހީމާއި ހުޝީ ފިލްމަކަށް ތައްޔާރުވަމުން އަންނަ ވާހަކަ މީޑިއާތަކުން އެންމެ ފުރަތަމަ ރިޕޯޓްކުރީ މިދިޔަ އޮގަސްޓް މަހު އެވެ.