Last Updated: July 1, 20:24
Tuesday, July 1, 2025
ޚަބަރު

ބަދަލަށް 100 މިލިއަން ދިން ވާހަކަ ދޮގުކޮށްފި

މި ސަރުކާރުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ބަދަލުގެ ގޮތުގައި 100 މިލިއަން ރުފިޔާ ދޫކުރި ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓު ދައްކާ ގޮތުން ނޮވެމްބަރު 17 އިން ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

އެކަމާ ގުޅިގެން ފިނޭންސުން ނެރުނު ބަޔާނެއްގައި ބުނީ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ފެންނަ އަދަދަކީ، އިންޓަނޭޝަނަލް އާބިޓްރޭޝަންއަކާ ގުޅިގެން އެ ޓްރާންސެކްޝަން ޕަބްލިކް އެކައުންޓިން ސިސްޓަމަށް ޕޯސްޓުކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެއް ކަމަށެވެ.

މި ސަރުކާރު ހަވާލުވިއިރު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ އިތުރުން އިންޓަނޭޝަނަލް އާބިޓްރޭޝަނުން ދައުލަތާ ދެކޮޅަށް ނިންމާފައިވާ މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"މީގެ ތެރޭގައި ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ނިންމާފައިވާ ނިންމުންތައް ވެސް ހިމެނެ އެވެ. އަދި ބައެއް ފަރާތްތަކަށް ބައެއް ސެޓްލްމަންޓްތަކުގެ ޕާޓް ޕޭމެންޓްވެސް ވަނީ ހަދާފަ އެވެ." ބަޔާނުގައިވެ އެވެ.

މީގެއިތުރުން ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އުފެއްދި ސެޓްލްމަންޓް ކޮމިޓީ މި ސަރުކާރުން އުވާލައި، އެ ކޮމިޓީން ބެލި މައްސަތައް ބަންޑާރަނައިބު ލަފައާއެކު މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓްރީން ބުނެފައިވެ އެވެ.