Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ހަނގުރާމަ ހުއްޓާލަން އދ. އިން ގަރާރެއް ފާސްކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ގޮވާލާ އ.ދ ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވެއްޖެ އެވެ.

އަރަބި ގިނަ ގައުމުތަކަކުން ގުޅިގެން ހުށަހެޅި މިގަރާރު ފާސްވެފައިވަނީ 153 ވޯޓުންނެވެ. ގަރާރާ ދެކޮޅަށް 10 ގައުމަކުން ވޯޓު ދީފައިވާއިރު އެއްވެސް ކޮޅަކަށް ވޯޓު ނުދީ 23 ގައުމަކުން ތިއްބެވެ. ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އިޒްރޭލާއި އެމެރިކާ ހިމެނެ އެވެ.

މި ގަރާރުގައި ވަނީ ހަނގުރާމަ ހުއްޓާލުމަށާއި އަދި ގާޒާ އަށް އިންސާނީ އެހީ ގާޒާ އަށް ފޯރުކޮށްދިނުމަށް ގޮވާލާފަ އެވެ. އަދި މިވަގުތު އަސީރުންގެ ގޮތުގައި ތިބި ހުރިހާ ފަރާތްތަކެއް ދޫކޮށްލުމަށް ވެސް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

މިފަދަ ގަރާރެއް މިދިޔަ އޮކްޓޫބަރު މަހު ވެސް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވެ އެވެ. ނަމަވެސް އެފަހަރުގެ ވޯޓުގައި ވަކި ކޮޅަކަށް ވޯޓު ނުދީ ތިބި ގިނަ ގައުމުތަކެއް މިފަހަރުގެ ގަރާރަށް ވަނީ ތާއީދުކޮށް ވޯޓުދީފަ އެވެ.

އދ. ގެ އާންމު މަޖިލީހުން ހަނގުރާމަ ހުއްޓާލަން ގޮވާލާ ގަރާރެއް ފާސްކޮށްފައިމިވަނީ ހަނގުރާމަ ހުއްޓާލަން ގޮވާލާ އދ. ގެ ސަލާމަތީ ކައުންސިލަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެ ގަރާރަށް ސަލާމަތީ ކައުންސިލްގެ 15 މެމްބަރު ގައުމުގެ ތެރެއިން 13 މެމްބަރުންގެ ތާއީދު ލިބުނެވެ. އިނގިރޭސިވިލާތުން މި ވޯޓުގައި ބައިވެރިވެފައި ނުވާއިރު ގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އެމެރިކާއިން އެކަންޏެވެ. އދ. ގެ ސަލާމަތީ ކައުންސިލުން މައްސަލައެއް ފާސްކުރުމަށް ނުވަ ވޯޓާއި ވީޓޯ ކުރުމުގެ ބާރު ލިބޭ އެމެރިކާ، ރަޝިއާ، ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތުގެ ތާއީދު ބޭނުންވާނެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 18،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.