Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

އިޒްރޭލަށް ގައުމުތަކުގެ ތާއީދު ދަނީ ގެއްލެމުން

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގެ ތާއީދު ގެއްލެން ފަށާފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަންގައި އިއްޔެ ބޭއްވި ކެމްޕޭނު ފަންޑްރެއިޒިން އިވެންޓެއްގައި ވާހަކަދައްކަމުން ބައިޑެން ވިދާޅުވީ އިޒްރޭލަށް ގައުމުތަކުގެ ތާއީދު ގެއްލެން ފަށާފައިވަނީ ހަނގުރާމައިގައި ވިސްނުމެއް ނެތި އަދި ސީދާ ވަކި ބަޔަކަށް އަމާޒުކޮށްގެން ދެމުންގެންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ކަމަށެވެ. އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެގައުމުގެ ސަރުކާރަށް ބަދަލު ގެންނަންޖެހޭ ކަމަށާއި މިހާރު އޮތް ސަރުކާރުން ބައެއް ކަހަލަ ނިންމުންތައް ނިންމަން ނަތަންޔާހޫ އަށް އުނދަގޫތައް ކުރިމަތިކުރަމުންދާ ކަމަށްވެސް ބައިޑެން ވިދާޅުވި އެވެ.

މީގެއިތުރުން ބައިޑެން ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް އިޒްރޭލަށް ނޫނެކޭ ނުބުނެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ބައިޑެން މިފަދައިން ވާހަކަދައްކާފައިމިވަނީ އިޒްރޭލުގެ އަމަލުތަކާ ގުޅިގެން ބައިޑެން ހުންނެވި ޑިމޮކްރެޓިކް ޕާޓީން އޭނާ އަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތި ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު ބައިޑެން ވަނީ ހަނގުރާމައިގައި އިޒްރޭލަށް ފުރިހަމަ އަށް އެމެރިކާގެ ތާއީދު އޮންނާނެކަން ހާމަކުރައްވާފަ އެވެ. އަދި ހަނގުރާމަ ހުއްޓާލަން ގައުމުތަކުން ގޮވާލަމުންދާއިރު ވެސް އެކަމަށް އެމެރިކާ އިން އަންނަނީ ބީރު ކަންފަތެއް ދެމުންނެވެ.

ޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 18،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.