Last Updated: July 14, 13:49
Wednesday, July 15, 2026
ކުޅިވަރު

ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ކަޓައިފި

ބަޔާން މިއުނިކް އަތުން 1-0 އިން ބަލިވެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފި އެވެ.

ޔުނައިޓެޑް މުބާރާތުން ކެޓިއިރު ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން އެޓީމަށް ލިބުނީީ ހަތަރު ޕޮއިންޓެވެ. ޔުނައިޓެޑް ދިޔައީ ވެސް ގްރޫޕްގެ ފުލަށެވެ. އެ ގްރޫޕުން ފަސް ޕޮއިންޓު ހޯދައިގެން ތިންވަނައިގައި އޮވެ ޔޫރޮޕާ ލީގަށް ކޮލިފައިވީ ގަލަތަސަރާއީ އެވެ. ގްރޫޕްގެ ދެވަނަ ހޯދައިގެން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދިޔައީ ޑެންމާކުގެ ކޮޕެންހޭގަން އެވެ. އެޓީމުން ވަނީ ހަ މެޗުން 8 ޕޮއިންޓު ހޯދައިފަ އެވެ. ގްރޫޕްގެ އެއްވަނަ ހޯދި ބަޔާން މިއުނިކަށް ވަނީ 16 ޕޮއިންޓު ލިބިފަ އެވެ.

މިއީ 2006 ވަނަ އަހަރަށް ފަހު ގްރޫޕްގެ ފުލުގައި އޮވެ ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ކެޓި ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބަޔާނަށް މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަން އެވެ. ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން ކޯމަން މި ގޯލު ކާމިޔާބު ކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ޔުނައިޓެޑްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ބަޔާންގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މި ގްރޫޕްގެ ދެވަނަ ކޮޕަންހޭގަން ހޯދީ ރޭ އަމިއްލަ ދަނޑުގައި ގަލަތަސަރާއީއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ. މިއީ ގިނަ އަހަރުތަކަކަށް ފަހު ކޮޕަންހޭގަން މުބާރާތުގެ ދެވަނަ ބުރަށް ދިޔަ ފުރަތަމަ ފަހަރެވެ.